ހެލްތު މިނިސްޓްރީން 35 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ 35 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ ފަސް ދާއިރާ އަކުންކަމަށެވެ.
ނަމަވެސް އެއީ ކޮން ހޮސްޕިޓަލް ތަކަކަށް ހޯދާ ޑޮކްޓަރުން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ސްޕެޝަލިޓުން ހޯދާ ދާއިރާތަކާއި އަދަދުތައް:
އޮފްތަމޮލަޖިސްޓް – 16
ރޭޑިއޮލޮޖިސްޓް - 9
އެނެސްތަޓިސްޓް - 6
ގައިނަކޮލޮޖިސްޓް - 3
ޑާމަޓަލޮޖިސްޓް - 1
މިމަޤާމަށް ޝައުގުވެރިވާ އަދި ޝަރުތު ފުރިހަމަވާ ސްޕެޝަލިޓުން ކަމާ ގުޅޭ ލިޔުންތައް ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިފެށޭ މާޗް މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ.
މީގެ އިތުރުން މި މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ބެޗެލަ އޮފް މެޑިސިން އަދި ބެޗެލާ އޮފް ސާޖަރީ (އެމްބީބީއެސް) ހަދައި، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލަކުން އެއް އަހަރުގެ އިންޓާންޝިޕް ފުރިހަމަ ކުރައްވާފައިވާ ބޭފުޅަކަށް ވާން ޖެހެއެވެ.
އަދި މެޑިސިންގެ ދާއިރާ އަކުން ހާއްސަވުމަށްފަހު މެޑިކަލް އޮފިސަރެއްގެ ގޮތުގައި އެއް އަހަރު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވުމުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ފަރާތަަކަށް ވާން ޖެހެއެވެ.
މި މަޤާމުތަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި ހޮވޭ ބޭފުޅުންނަށް އަސާސީ މުސާރައިގެ ގޮތުގައި 30،990 ރުފިޔާ، އާއި ކަނޑައެޅިފައިވާ ޤަވާއިދުގެ މަތިން ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 425 ރުފިޔާ ހިމެނޭހެން އެކަމޮޑޭޝަނަށް މަހަކު 7،000 ރުފިޔާ އަދި ކެއުމަށް މަހަކު 2،400 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް