ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބުގެ ދެ ދާއިރާއެއްގެ މެމްބަރުން ހޮވުމަށް ލާން ޖެހޭ ވޯޓް ފަސްކޮށްފިއެވެ.
މާދަމާ ބާއްވަން ހަމަޖެހިފައި އޮތް މި ދެ ދާއިރާގެ ވޯޓުލުން ބާއްވާނެ ވަކި ތާރީހެއް ކަނޑަނާޅާ، ފަސްކުރީ ގިނަ ސަކުވާތަކެއް އާންމުންގެ ފަރާތުން ލިބުމާއި ގުޅިގެނެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް އިންތިހާބުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ގޮތުން ވޯޓު ލުމުގައި އެންމެ ފުރިހަމަ އަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައި ވާތީ ދެ ދާއިރާއެއްގެ ވޯޓު ފަސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފަސްކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެ ހޮވުމަށް ބާއްވާ އިންތިހާބާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއްހޮވުމަށް ބާއްވާ އިންތިހާބެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިހާރު ހުރި އިންތިޒާމުތަކާ އެކު، އެ ދެ ދާއިރާގެ ވޯޓުލުން މާދަމާ ބާއްވައިފި ނަމަ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެތީ، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ ފަހުން އެ ވޯޓުލުން ބާއްވާނެ ކަމަށެވެ.
މި ދެ ދާއިރާ ތަކުގެ ވޯޓުލުން މާދަމާ ފަސްކުރެވުނު ނަމަވެސް އެހެން ދާއިރާތަކުގެ ވޯޓުލުން ތާވަލާ އެއްގޮތަށް ކުރިޔަށް ދާނެއެވެ. އެގޮތުން ވޯޓް ލުން ކުރިޔަށްދާނީ މާދަމާ ހެނދުނު 9 އިން މެންދުރު ފަހު 2 އަށް ޖެންޑާ މިނިސްޓްރީގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް