ދިވެހި އާޓްސް އެނޑް އެންޓަރޓެއިންމްޓް އިންޝުއަރެންސް ތައާރަފްކޮށްފި

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އާއި ދިވެހި އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ޔޫނިއަންގެ މެމްބަރުންނަށް އިންޝުއަރެންސް ޕޮލިސީއެއް ތައާރަފް ކޮށްފިއެވެ. މި އިންޝުއަރެންސް ޕޮލިސީއަކީ ދިވެހި އިންޝުއަ...

23 Feb 2022 | 05:53

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އާއި ދިވެހި އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ޔޫނިއަންގެ މެމްބަރުންނަށް އިންޝުއަރެންސް ޕޮލިސީއެއް ތައާރަފް ކޮށްފިއެވެ.

މި އިންޝުއަރެންސް ޕޮލިސީއަކީ ދިވެހި އިންޝުއަރެންސްގެ ފަރާތުން ޔޫނިއަންގެ މެންބަރުންއަށް ވަކިން ޚާއްސަކުރެވިގެން ފަރުމާކުރެވިފައިވާ ޕޮލިސީއެކެވެ. މިޕޮލިސީގެ ދަށުން ހިމެނެނީ:

  1. މިއުޒިކް ކުޅޭ ސާމާނާއި ފޮޓޯ/ވިޑިއޯގްރަފީ ސާމާނަށް ލިބޭ ކަވަރޭޖް:
    • ގުދުރަތީގޮތުން ލިބޭ ގެއްލުމާއި، ވަގަށް ނެގުމުން ލިބޭގެއްލުމާއި، އަލިފާނުގެ ސަބަބުން ލިބޭ ގެއްލުން.
    • ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ލިބޭ ގެއްލުން.
  2. މެންބަރުންނަށް އެކްސިޑެންޓަކުން ލިބިދޭ ޒަހަމްތަކާއި އަދި ނިޔާވުމާއިގުޅިގެން ލިބޭ ކަވަރޭޖް.
  3. ތިންވަނަ ފަރާތެއްގެ އިހުމާލުން ލިބޭ ގެއްލުންތަކާއި ގުޅޭ ކަވަރޭޖް.

މިއުޒިޝަންސް ޔޫނިއަނުން ބުނީ މި އިންޝުއަރެންސް ޕޮލިސީ ބައްލަވައިގަތުމަށް ބޭނުންވާ ޔޫނިއަންގެ މެމްބަރުން، ޔޫނިއަންގެ ޕްރިމިއަމް އެޑް-އޮން އަށް ސަބްސްކުރައިބް ކުރެއްވުމުން، މި ޕޮލިސީ ބައްލަވައިގަނެވޭނެ ކަމަށެވެ. އަދި ޔޫނިއަންގެ މެމްބަރުން ނޫން ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިން ވެސް މިޕޮލިސީގެ ޙިދުމަތް ހޯދުމަށް ބޭނުންފުޅުވާނަމަ ޔޫނިއަންގައި ރެޖިސްޓަރ ކުރެއްވުމުން މި ޕޮލިސީ ބައްލަވައިގަނެވޭނެ ކަމަށް ބުނެއެވެ.

މިއީ މިފަދަ ޚިދުމަތެއް ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންނަށް ތައާރަފުކުރެވިގެންދާ ފުރަތަމަ ފަހަރެވެ.

ޔޫނިއަންއާއި ދިވެހި އިންޝުރެންސް ކޮމްޕެނީގެ ފަރާތުން މި އިންޝުއަރެންސް ޕޮލިސީއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަންއެއް 23 ފެބްރުއަރީ 2022 ވަނަ ދުވަހު، 15:30 ގައި ކުލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ދިވެހި އިންޝުއަރެންސް ކުންފުނިއަކީ އިންޝުއަރެންސް ދާއިރާގައި 20 އަހަރުގެ ތަޖްރިބާ ހޯދާފައިވާ އަބްދުލް ވާހިދު ތައުފީޤް އުފައްދަވާފައިވާ ކުންފުނިއެކެވެ. 2016 ވަނަ އަހަރު މިކުންފުނި އުފެއްދީ އެންމެ ފަހުގެ ޒަމާނީ އިންޝުއަރެންސް ކަވަރޭޖް މާރކެޓްއަށް ތައާރަފް ކުރުމުގެ މަޤްޞަދުގައެވެ.

މި އިންޝުއަރެންސް ޕޮލިސީގެ ޚިދުމަތް މިއަދުން ފެށިގެން ބައްލަވައި ގަނެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް