ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
އޭނާ ކުރެއްވި ސުވާލަކީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް "ހަރު ނުލަނީ" ކީއްވެތޯ އެވެ. މިނިސްޓަރު ޖަވާބު ދެއްވަމުން ވިދާޅުވީ އެ ހޮސްޕިޓަލް ދާދި ފަހުންވެސް ފަސް ޑޮކްޓަރުން ފޮޮނުވި ކަމަށެވެ.
އެކަމަކު އެމީހުން ރަށުން ފަލައިގެން ރާއްޖެއިންވެސް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފަދަ މައްސަލަތައް ދިމާނުވާނެ ގޮތް ހެދުމަށް ހޮސްޕިޓަލްތަކަށްވެސް އަންގާފައިވާނެ ކަމަށާއި އަދި އިމިގްރޭޝަން މެދުވެރިކޮށްވެސް ފިލައިގެން ނުދެވޭނެ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޑޮކްޓަރުންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ އުޖޫރަވެސް އެބަހުރި ކަމަށާއި އެމީހުން ފިލި ގޮތެއްވެސް ނޭނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް