ޖަސްޓިން ބީބަރ އިންޑިޔާގައި ދިނުމަށް ހަމަޖެހިފައިވާ ކޮންސެޓްގައި "ސްޓޭޑަންޓް އޮފް ދަ އިޔަރ " ގެ ތަރިން ބައިވެރިވާނެ

އޭޝިޔާ ސަރަހައްދުގައި އުޅޭ ޖަސްޓިން ބީބަރ ގެ ފޭނުންނަށް މެއި 10 ވެގެންދާނީ ހަމަގައިމުވެސް އުފާވެރި ދުވަހަކަށެވެ. އެއީ އެދުވަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރ އިންޑިޔާގެ މުމްބާއީގައި ކޮންސެޓެ...

23 Feb 2017 | 04:35

އޭޝިޔާ ސަރަހައްދުގައި އުޅޭ ޖަސްޓިން ބީބަރ ގެ ފޭނުންނަށް މެއި 10 ވެގެންދާނީ ހަމަގައިމުވެސް އުފާވެރި ދުވަހަކަށެވެ. އެއީ އެދުވަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރ އިންޑިޔާގެ މުމްބާއީގައި ކޮންސެޓެއް ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ. މިކޮންސެޓްގެ ޓިކެޓް ފެބްރުއަރީ 22 ން ފެށިގެން ވިއްކަންފަށާފައިވާއިރު މިކޮންސެޓަށް އިންތިޒާރުކުރާ ގިނަ ބަޔަކު އުޅޭނެކަން ޔަޤީނެވެ. ބޮލީވުޑްގައި ކޮންސެޓެއް ދިނުމަށް އިނގިރޭސި ލަވަކިޔުންތެރިޔަކު އަންނަ އިރު އެކޮންސެޓްގެ ތެރެއިން ބޮލީވުޑްގެ ތަރިން ފެނިގެންދާނީ ކިހާވަރަކަށްތޯ އެއީ ހަމަގައިމުވެސް އުފެދޭނެ ސުވާލެކެވެ. އެސުވާލުގެ ޖަވާބު މާތަފްސީލީގޮތަކަށް މީޑިޔާއަށް ތިލަވެފައި ނެތްކަމުގައިވިޔަސް މިހާތަނަށް ޔަޤީންވާ އެއްކަމަކީ 2013 ވަނަ އަހަރު ބޮލީވުޑަށް ނިކުތް 3 ތަރިންކަމަށްވާ ސިދާތް ، އާލިއާ އަދި ވަރުން މިޝޯވ އިން ފެނިގެންދާނެކަމެވެ.

ސްޓޫޑެންޓް އޮފް ދަ އިޔަރ ގެ 3 ތަރިން މިކޮންސެޓްގައި "ޑިސްކޯ ދިވާނީ" މިލަވަ ސްޓޭޖްގައި ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާގުޅޭގޮތުން ތަފްސީލީ މަޢުލޫމާތުތަކެއް މީޑިޔާއަށް ތިލަވެފައި ނުވަނީ އަދި އޮފިޝަލްކޮށް ކުރަންޖެހޭކަންކަން އެއްކޮށް ނިމިފައިނުވާތީކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ވަރުން ވަނީ މިކޮންސެޓްގައި ބައިވެރިވާނަން ތޯ އެހުމުން އާނއެކޭ ބުނެފައެވެ. އަދި ޖަސްޓިން ބީބަރ ލައިވްކޮށް ކޮންސެޓް ދޭ ތަން ބަލަން ބޭނުންވާކަމަށްވެސް ވަރުން ވަނީ ބުނެފައެވެ. އެހެންކަމުން ސްޓޭޖުން އަދި ވަރުން ނުފެނުނު ކަމުގައިވިޔަސް މިކޮންސެޓަށް ވަރުން ދާނެކަމީ ޔަޤީންކަމެއްތާއެވެ. މިކޮންސެޓްގައި ޖަސްޓިން ބީބަރގެ އެންމެ މަޝްހޫރު ލަވަތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް