ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި މުޒާހިރާތައް ކުރިޔަށް ގެންދާއިރު މީހުންގެ މުދަލަށް ގެއްލުން ނުލިބޭ ގޮތަށާއި ވިޔަފާރިތަކަށް ދަތި ނުވާނެ ގޮތަށް އަދި ޢާއްމު ދަތުރުފަތުރުތަކަށް ބުރޫ ނާރާނެހެން އެފަދަ ޙަރަކާތްތައް ކުރިޔަށް ގެންގޮސްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާރު މާލޭގައި ކުރިޔަށްދާ މުޒާހިރާ ތަކާއި ގުޅިގެން ބައެއް ސަރަޙައްދު ތަކުން ވިޔަފާރިތަކަށް ގެއްލުން ވުމާއި ބައެއް ސަރަޙައްދުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރައި ގިނަ ބަޔަކަށް އެކަމުގެ ދަތިތައް ދަނީ ފޯރަމުން ކަމަށެވެ. މިއާއެކު ބައެއް ސަރަޙައްދުތަކުގައި ޢާއްމު ރައްޔިތުންނަށް ހިނގާބިނގާ ވުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުން ކަމަށެވެ.
ރޭ މާލޭގައި ހިނގި މުޒާހިރާ ހިނގި ސަރަޙައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ ސަބަބުން އެފިހާރައިގެ ވެރިފަރާތުގެ މުދަލަށް ގެއްލުންލިބި، ފިހާރައަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައި ވާކަމަށާއި މީގެ އިތުރުން ފުލުހުންގެ ވެހިކަލެއް ޕާކުކޮށްފައި ހުއްޓާ ވެހިކަލަށްވެސް މުޒާހިރާގެ ބައިވެރިންގެ ފަރާތުންވަނީ ގެއްލުން ދީފައި ވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ މުޒާހިރާ ތަކާއި އެއްވުންތައް ކުރިޔަށް ގެންދާއިރު މީހުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ނުވާނެހެން އަދި ޢާއްމު ދަތުރުފަތުރަށް ބުރޫ ނާރައި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ގެއްލުން ނުލިބޭނެހެން އެފަދަ އެއްވުންތަކާއި މުޒާހިރާތައް ކުރިޔަށް ގެންދިއުން އެދޭވާހަކަ ދަންނަވާ ކަމަށެވެ.
އަދި މިފަދަ ކަންކަމުގައި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލެއްވުންތަކަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް