މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި އަލަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ފާރަގެމައިގާ ބޭނުންކުރާ ކުއްތާތައް ރާއްޖެ ގެންނަންވާއިރަށް ވަމުންދާ ތައްޔާރީތައް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ބައެއް މެމްބަރުންނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައްލަވާ ލައްވައިފިއެވެ.
ފުލުހުން ބުނީ ފާރަގެމައިގާ ބޭނުންކުރަން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކުއްތާތައް ގެނައުމަށް ހަމަޖެހިފައިވަނީ 2015 މާރޗް މަހުގެ 15 އިން ފެށިގެން ކަމަށާއި މިހާރު ހަމަޖެހިފައިވާ ގޮތަށް ކަންކަން ދާނަމަ 2015 މާރޗް 20 ވަނަ ދުވަހުގެ ކުރިން ކުއްތާތައް މާލެ ގެނެސް ނިމޭނެ ކަމަށެވެ.
ފާރަގެމައިގެ މަސައްކަތްތަކާ ބެހޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފާރަގެމަ އެކުލަވާލުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު މުޅިން ނިމިފައިވާ ކަމަށާއި ކުއްތާތައް ރާއްޖެ ގެންނަންވާއިރަށް ކުރަންޖެހޭ ހުރިހާ ކަމެއްހެން ނިމިފައިވާ ކަމަށެވެ. ހަމައެހެންމެ ބޭނުންވާ ވަޞީލަތްތައްވެސް ޤާއިމް ކުރެވިފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ ކުއްތާތައް އައުމުގެ ކުރިން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެގޮތުން މިހަފްތާ ތެރޭގައި ކަމާބެހޭ ތަޖުރިބާހުރި 2 ބޭފުޅުން ރާއްޖެ އަންނާނެކަމަށާއި އެ 2 ބޭފުޅުންގެ އެހީގައި ދިވެހި ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުއްތާތައް ރާއްޖެ ގެނައުމަށްފަހުވެސް ގިނަ ތަމްރީނުތަކެއް ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާކަމަށްވެސް އެސްޕީ އަޙްމަދު ޝިފާން ވިދާޅުވިއެވެ.
ފާރަގެމައިގާ ބޭނުންކުރާ ކުއްތާތައް ބޭތިއްބުމަށް ތައްޔާރުކުރަމުންދާ ކެނަލްގެ ކަންކަން ބައްލަވާ ލެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކުރެއްވި މިޒިޔާރަތުގައި ވަނީ ކުއްތާތައް ތިބުމަށް ހަދާފައިވާ ތަންތަން ބައްލަވާލެއްވުމުގެ އިތުރުން އެތަނުގައި ޤާއިމްކޮށްފައިވާ އެހެނިހެން ވަޞީލަތްތަކާއި މުވައްޒަފުން ތިބުމަށް ހަދާފައިވާ ތަންތަނާއި އޮފީސްބައިވެސް ބައްލަވާ ލައްވާފައެވެ.
މިޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި ޙަސަން ޙަބީބުގެ އާއި އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް