ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ދައުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުށްނުކުރާ މީހަކު ހިފާ ހައްޔަރު ކުރުމުގެ ދައުވާ ދައުލަތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގައި ނަޝީދުގެ މައްޗަށް އުފުލައި ޝަރީއަތް ހިނގަމުން ދިޔައިރު ވެސް ޝަރުއީ އެއްވެސް ކޯޓަކުން އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުއުފުލޭނެ ކަމަށް ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި އެހެން ކަމުން، އެ ދައުވާ ކުރިއަށް ގެންދިޔުމުގެ ހުރަހެއް ނެތުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރީއިރު އެންމެ ރަނގަޅު ގޮތަކީ ދައުވާ ކުރާ ކޯޓާއި ދައުވާ ވެސް ބަދަލު ކުރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމެވީ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އެ ދައުވާ އަކީ ޕީޖީގެ ގާނޫނުން އެ އޮފީހަށް ލިބިދޭ ބާރުތަކާއި ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކާއި އުސޫލުތަކުގެ ތެރެއިން އަލުން ހުށަހެޅި ދައުވާއެކެވެ. އެއީ ސިޔާސީ ދައުވާއެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވެސް ޕީޖީ އިން ބުނެފައިވެ އެވެ.
"އެ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ، އެ ދައުވާ އަނބުރާ ގެނައުމަށް ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކާއި ސިޔާސީ ބައެއް ފަރާތްތަކާއި އާންމު ބައެއް ފަރާތްތަކުން ގޮވާލަމުން ދާތީ، އެކަމާ މި އޮފީހުން ނުހަނު ކަންބޮޑުވުމާ އެކު، ހަގީގަތް ހާމަކުރުމުގެ ގޮތުން މި ބަޔާންނެރެމެވެ،" ޕީޖީގެ ބަޔާނުގައިވެ އެވެ.
ޕީޖީ އިން ބުނީ ނަޝީދުގެ އިތުރަށް އެ މައްސަލައިގައި މީގެ ކުރިން ވެސް ދައުވާ އުފުލި އަނެއް ހަތަރު ފަރާތުގެ މައްޗަށް ކުރި ދައުވާ ވެސް މުރާޖައާކޮށް އެ ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށެވެ. އަދި އެ މައްސަލަތަކަކީ ޝަރުއީ ދާއިރާގައި މިހާރު ވެސް ހިނގަމުން އަންނަ މައްސަލަތަކަކަށް ވާތީ، އެ މައްސަލައިގައި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ގޮތަށް މީޑިއާތަކާއި ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް އެދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް