ކަސްޓަމްސް އިން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަޓަމްސް އިން މިހެން ބުނީ ރާއްޖެގެނައި ރޯލިންގ ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސުން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިޔާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކަސްޓަމްސް އަކީ ތަންފީޒީ އިދާރާއެއް ކަމަށްވާތީ ކަސްޓަމްސުން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށާއި އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއަރކުރާ މަރުހަލާގައި، ކަސްޓަމްސުން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެމުދަލެއް ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެމުދަލެއް ދޫކުރަމުންގެންދާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކުރުން އަދި ޤާނޫނަކުން މަނާކޮށްފައި ނުވާ ކަމަށް ކަސްޓަމަސްއިން ބުނެފައިވެއެވެ.
ދުންފަތާ ގުޅުންހުރި ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް މިވަގުތު އެތެރެކުރުން ޤާނޫނަކުން މަނާކޮށްފައިވަނީ ވޭޕާއި، އީ-ސިނގިރޭޓުފަދަ ތަކެއްޗާއި އެތަކެތީގެ ބައިތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް