މަޝްހޫރު ބޮލީވުޑް އެކްޓަރ ސައިފް އަލީ ޚާން އަށް ހަމަލާދިން މައްސަލައިގެ ހައްޔަރުކުރެވުނު މީހާއަކީ "ބަންގްލަދޭޝް " މީހެއް ކަމަށް އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.
ސައިފުއަށް ހަމަލާދިން ކަމަށް ބެލެވޭ، މުޙައްމަދު ޝަރީފުލް އިސްލާމް ޝެހްޒާދު، (30 އަހަރު) ހައްޔަރުކުރެވުނީ ޖަނަވަރީ 19 ވަނަ ދުވަހު މުމްބާއީގެ ބޭރު ސަރަހައްދަކުންނެވެ. އޭނާ ހައްޔަރުކުރެވުނީ ޖަނަވަރީ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސައިފުގެ ގެއަށް ވަދެ ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭތީއާއި، ސައިފަށް ހަ ފަހަރު ވަޅިން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.
ސައިފު ހޮސްޕިޓަލުން ދޫކޮށްލެވުނީ ބުދަ ދުވަހުއެވެ.
މި ހަމަލާއާ ގުޅިގެން އިންޑިއާގެ ވެރިރަށުގެ ސަލާމަތީ ކަންކަން ދަށްކަމާއިމެދު ބިރުވެރިކަން އިންޑިއާގައިވަނީ އުފެދިފައެެވެ. އަދި ދިއްލީގައި މިހާރު ކުރިއަށްދާ އިންތިޚާބީ ކެމްޕޭނުގައި މިކަން ފާހަގަކޮށް އިންޑިއާގެ ސިޔާސީ ޕާޓީތަކުން ވާހަކަދައްކަމުން ދެއެެވެ.
މުމްބައިގައި ޤާނޫނާ ޚިލާފަށް އުޅޭ ބަންގްލަދޭޝް އަދި ރޮހިންގިޔާ މީހުން ތިބުމާ ގުޅޭގޮތުން ވާދަވެރި ޕާޓީތަކުން އެއްބަޔަކު އަނެއްބަޔަކަށް ދަނީ އިލްޒާމު އަޅުވަމުންނެވެ.
އިންޑިއާގެ ފުލުހުން ބުނަނީ ސައިފަށް ހަމަލާދިން ކަމަށް ބެލެވޭ މީހާއަކީ ބަގްލަދޭޝް ރައްޔިތެއް ކަމަށެވެ. އަދި އޭނާ އިންޑިއާއަށް ވަދެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ މުމްބާއީއަށް އައީ ފަހެއް ނުވަތަ ހަ މަސް ކުރިންނެވެ. އަދި އޭގެ ފަހުން ގޭގެ މަސައްކަތްކުރާ އޭޖެންސީއެއްގައި މަސައްކަތްކުރި ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.
އެހެންނަމަވެސް އޭނާގެ ވަކީލު އެކަން ދޮގުކޮށްފައިވެއެވެ. އޭނާގެ ވަކީލު ބުނާގޮތުގައި މުމްބާއީގައި އޭނާގެ އާއިލާއާއެކު އުޅޭތާ 7 އަހަރަށްވުރެ ގިނަ ދުވަސްވެފައި ކަމަށާއި، އޭނާއަކީ ބަންގްލަދޭޝް މީހެއްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއްްކެއް ފުލުހުންގެ އަތުގައި ނެތް ކަމަށް ވަކީލު ބުނެފައިވެއެވެ.
ކަން މިހެން އޮތް އިރު، މި ހާދިސާގެ ސަބަބުން އިންޑިއާއާއި ބަގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުމަށް މިކަމުން އަސަރުކޮށްފާނެ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސް ބޭފުޅުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް