ހޯއްގޮވާ ކެއްސުމުގެ ތިން ކޭހެއް ގއ. ވިލިނގިލިން ފެނިފައިވާއިރު ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ކުޑަކުދިންގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ މި މަހުގެ ތެރޭގައި ގއ. ވިލިނގިލިން ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް 3 ކުޑަކުދިން ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މިބަލިން ރައްކާތެރިކުރުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާއި ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށާއި އެހެން ނަމަވެސް ބަލީގެ ކޭސް ރާއްޖޭގައި ވަރަށް މަދުން ފެންނަމުން ދާކަމަށެވެ.
މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން މިހާތަނަށް ބައެއް މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާކަމަށް ހެލްތުން ބުނެއެވެ.
އެގޮތުން
- އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުން
- ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ، އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންގެ ތެރެއިން ބަނޑަށް 6 މަސް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުން
- ބަލީގެ އަލާމާތް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުން
- ގއ. އަތޮޅު ހޮސްޕިޓަލުން މިކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ދަނީ ކުރަމުން
ޕަރޓޫސިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ޕާޓުސިސް ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެ އެވެ. ތުއްތު ކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެއެވެ.
މިބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށްހުރި ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެއެވެ. އެ ރަށެއްގެ ސިއްހީ ހިދުމަތްތދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން، ކެއްސުން ދިގުލައިގެންދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކއް ދިމާވާނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރިނަމަ ނުވަތަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކުރައްވާ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް