ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ނުގެނެސް، ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމުގެ މަގްސަދުގައި ދެ މަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމެއް އެކުލަވާލުމަށް އިޒްރޭލުން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ އާއި އިޒްރޭލުގެ ނޫސްތަކުން ހޯމަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި ތެލްއަވީވް އިން އުއްމީދު ކުރަނީ އެމެރިކާގެ އެހީގައި އެއްބަސްވުމެއް ނިންމާލެވޭނެ ކަމަށެވެ. މި ޕްލޭން އެކުލަވާލާފައި މިވަނީ ގާޒާގެ ދެކުނުގައި ހިނގަމުންދާ ހަނގުރާމަތައް ވަރުގަދަވެ، ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ގައިދީން ދޫކޮށްލުމަށް އިޒްރޭލު ސަރުކާރަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ވެބްސައިޓް އަކްސިއޯސް އިން ބުނީ މި ހުށަހެޅުން ހަމާސް އަށް ހުށަހަޅާފައިވަނީ ގަތަރާއި މިސްރުގެ މެދުވެރިން މެދުވެރިކޮށް ތެލްއަވީވް އިން ކަމަށެވެ. އޭގެ ތެރޭގައި ގާޒާގައި ތިބި އިޒްރޭލުގެ އެންމެން ދޫކޮށްލުމުން ދެ މަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލާނެ ކަމުގެ އެއްބަސްވުން ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ދަނީ ސަރަހައްދީ ޕާޓްނަރުންނާ އެކު އެ ޕްލޭނަށް ބާރު އަޅަމުންނެވެ. ވައިޓް ހައުސްއަށް މެދުއިރުމަތީގެ ކަންކަމުގައި މަސައްކަތް ކުރައްވާ ބްރެޓް މެކްގާކް މިވަގުތު ހުންނެވީ އެއްބަސްވުމެއްގެ ވާހަކަ ދެއްކުމަށް ގާހިރާގައެވެ. އެއަށްފަހު އިތުރު މަޝްވަރާތަކަށް ގަތަރަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހުށަހެޅުމުގައި ލަފާދީފައި ވަނީ ބަންދުގައި ތިބި މީހުން މަރުހަލާތަކަކަށް ބަހާލައިގެން ދޫކޮށްލުމަށެވެ.
އިޒްރޭލުގައި ބަންދުކޮށްފައި ތިބި މީހުންގެ އާއިލާތަކުން ދަނީ އެއްބަސްވުމަކަށް އައުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރެޝަރު ކުރަމުންނެވެ.
މިދިޔަ ނޮވެމްބަރު މަހު ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލި ދުވަސްވަރު ވަނީ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރި 240 މީހުންގެ ތެރެއިން ގާތްގަނޑަކަށް 100 މީހުން ދޫކޮށްލާފައެވެ. އޭގެ ފަހުން ވެސް ހަނގުރާމަ މެދުކަނޑާލުމަށް އަދި މުޅިން ހަނގުރާމަ ހުއްޓާލުމަށް ގޮވަމުން އައި ނަމަވެސް އިޒްރޭލުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.
ސިޔާސީ ޕްރެޝަރާއި ހަރުކަށި ކޯލިޝަންގެ ބައިވެރިންގެ ޑިމާންޑްތަކާ ކުރިމަތިލާން ޖެހިފައިވާ ނަތަންޔާހޫ ގެންދަނީ ހަމާސް ރޫޅާލެވެންދެން ހަމަލާތައް ކުރިއަށް ގެންދިއުމަށް ބާރު އަޅާނެ ކަމަށް ތަކުރާރުކޮށް ވައުދުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް