ވަޒީރުންގެ ފޯރަމް އަންނަ ހަފްތާގައި އޮންނާނެ ކަމަށާއި، ރައްޔިތުން ބޭނުން ސުވާލެއް އެ ފޯރަމްގައި ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ އައު މޭޔަރާއި އަލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވުމަކީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމެއްކަމަށެވެ.
އެގޮތުން، ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް ކިޔައިދިނުމަށްޓަކައި، ދެ މަހުން އެއް މަހު ވަޒީރުން ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ޕަބްލިކް ފޯރަމް އެއްގައި ޖަވާބު ދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އޭގެ ފުރަތަމަ ފޯރަމް އަންނަ ހަފްތާގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ފޯރަމްގައި ވަޒީރުންގެ ދާއިރާތަކުން ރައްޔިތުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. މި ފޯރަމް ބާއްވާނީ ކޮންމެ ދެ މަހަކުން. ކޮންމެ ފޯރަމް އެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނީ ފަސް ވަޒީރަކު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮންމެ ތިން މަހަކުން އެއް މަހު، އަމިއްލަފުޅަށްވެސް ރައްޔިތުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ ފުރަތަމަ ފޯރަމް އޮންނާނީ އަންނަ ފެބްރުވަރީ މަހުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަނީ ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކަމަށާއި، ޖަވާބު ނުދެވޭނެ އެއްވެސް ސުވާލެއް ނޯންނާނެ ކަމަށެވެ. އަދި ފޮރުވަން ޖެހޭނެ، ޒިންމާ ނުނެގޭނެ ނުވަތަ ނޭނގޭ ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައްވެސް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. ވަގުތު ލިބޭ ވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް