ރައްޔިތަކަށް ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނަން: އާޒިމް

މާލެ ރައްޔިތަކަށް ފަސޭހައެއް ނުވަތަ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނެ ކަމަށް މާލެ ސިޓީގެ އައު މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި މ...

23 Jan 2024 | 05:33

މާލެ ރައްޔިތަކަށް ފަސޭހައެއް ނުވަތަ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނެ ކަމަށް މާލެ ސިޓީގެ އައު މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި މޭޔަރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އާޒިމް ވިދާޅުވީ މޭޔަރު ކަމުގެ މަސައްކަތް ކުރައްވާނީ އެންމެނާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ސަރުކާރާއި މުވައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުއްވާކަމަށެވެ.

އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަރުތީބުވެފައި އޮތީ މައި ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުރެ މަސައްކަތް ކުރަން ބޭނުންވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް އިހުތިސޯސްގެ ތެރެއިން ދެވެން އޮތް އިތުބާރާއި އެހީތެރިކަން ދީގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އަލިއަޅުއްވާލައްވައި، އާޒިމް ވަނީ ކުރީ ސަރުކާރުން ނިންމާފައިވާގޮތަށް މާލެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅީފަޅު އަދި ތިލަފުށިން ގޯތި ދިނުން އަވަސްކޮށްދިނުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި، ހުޅުމާލެ ތިންވަނަ ފޭސްއާއި، ގުޅީފަޅާއި ގިރާވަޅާއި އުތުރު ތިލަފަޅުވެސް މާލޭ އިހުތިސޯސްގެ ތެރޭ ހިމެނެއްވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އާޒިމް ވިދާޅުވީ އަމާޒަކީ މާލޭގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުން ކަމަށާއި ފެހި އަދި ސާފު ތަނަކަށް މާލެ ހެއްދެވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް