ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާންއަށް ތަކުރާރުކޮށް ފާޑުކިޔާފައިވާ ކަމަށް ބުނެ އެ ގައުމުގެ މަޝްހޫރު އަންހެން ނޫސްވެރިޔާ ސަދަފް ކަބާސް ހައްޔަރުކޮށްފި އެވެ.
ތުރުކީގެ އިދިކޮޅު ޓީވީ ޗެނަލެއް ކަމަށްވާ ޓެލެ 1 ޗެނަލްގައި މަސައްކަތް ކުރާ އެ ނޫސްވެރިޔާ ހައްޔަރު ކުރީ ވަގުތުން އެ ޗެނަލުން ދުރަށްދެއްކި ޕްރޮގްރާމެއްގައި ރައީސް އުރުދުގާންއަށް އަމާޒުކޮށް އެ ގައުމުގެ ހަރުބަހެއް ބޭނުންކޮށްގެން ފާޑުކިޔުމުންނެވެ. މިއީ އޭނާ އުރުދުގާންއަށް އަމާޒުކޮށް ފާޑުކީ ފުރަތަމަ ފަހަރެއް ނޫނެވެ.
މި މައްސަލައިގަ ސަދަފް ހައްޔަރު ކުރީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސަދަފް އެ ޕްރޮގްރާމުގައި ބުނެފައިވަނީ ތުރުކީގެ ހަރުބަހެއްގައި ވެރިއަކަށް ވުމުން ކޮންމެ މީހަކުވެސް ވަރަށް ރަނގަޅު ހުށިއާރު މީހަކަށް ވާކަމަށް ބުނާ ކަމަށާއި އެކަމަކު އެ ގައުމުގެ ރައީސްއަށް ވެފައި ހުރީ އެހެން ނޫން ކަމަށެވެ. ސަދަފް އެ ޕްރޮގްރާމްގައި ބުނީ ދަޅު ފުއްލާއެއް ރިޔާސީ ގަނޑުވަރަށް ވަނަސް ގައުމެއްގެ ވެރިއަކަށް ނުވެވޭނެ ކަމަށާއި އޭރުން އެތަން ވާނީ ޖަނަވާރު ބަލަހައްޓާ ތަނަކަށް ކަމަށެވެ.
މި ތުހުމަތު އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ އަހަރާއި ހަތަރު އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ. މި ތުހުމަތުތަކާއި ގުޅިގެން ސަދަފް ވަނީ އޭނާއަށް ކުރާ ތުހުމަތަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ.
2014 ވަނަ އަހަރު އުރުދުގާން ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް އޭނާއަށް ފާޑުކިޔައިގެން ހާހަކަށްވުރެ ގިނަ މީހުން ޖަލަށް ހުކުމް ކޮށްފައިވެ އެވެ.
މިދިޔަ އަހަރު އެކަނިވެސް 31،000 އަށްވުރެ ގިނަ މީހުން ރައީސް އުރުދުގާންއަށް ފަޑުކިޔައިގެން ތުރުކީގައި ހައްޔަރުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް