ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދީ ފައިނަލުގައި މާޒިއާ ސްޕޯޓްސް ކުލަބު 2-1 ގެ ނަތީޖާއިން ބަލިކުރުމަށް ފަހުގައެވެ.
ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފަ އެވެ. ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީގެ އެހީތެރިކަމާއި އެކު މި ލަނޑު ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑަކްސަން ޕުސްލަސް އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުގެ ކުރިން މާޒިޔާ އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މާޒިއާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު އިރުފާން (އިރޭ) އެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހުހާފުގައި ވެލެންސިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާ މާޒިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ކާމިޔާބު ނުކުރެވުނު އިރުު، މެޗުގެ ފަހު ހާފުގެ ކުޅުންވެސް ނިމިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައި ނެރުނު ނަތީޖާއާއި އެކު ދެޓީމު އެއްވަރެއްގައި އޮވެގެންނެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ކުރިއަށް ގެންދިޔައެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފުގައި މާޒިއާއަށް މައްސަލަތަކާއި ކުރިމަވީ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އަށް މާޒިޔާގެ ނާއިޒް ހަސަން (ދާދު) ކުރި ފައުލަކާއި ގުޅިގެންއަށް ސީދާ ރަތްކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ މާޒިއާ ކޮޅަށް ވެލެންސިއާއިން އެޓީމުހެ ދެވަނަ ލަނޑު ވައްދާލީ ދާދު ބޭލިތާ މާ ގިނައިރުތަކެއް ނުވެއެވެ. ވެލެންސިއާ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯހާސް މާޓިން އެވެ.
މި މުބާރާތުގެ ތަށި ވެލެންސިއާއި ނެގިއިރު، މިއީ އެޓީމު މި މުބާރާތް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. މީގެ ކުރިން ވެލެންސިއާއިން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1993، 1994، 1998، 1999 އަދި 2008 ވަނަ އަހަރު އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެލެންސިއާގެ ބިދޭސީ ކުޅުންތެރިއާ ބޯހާސް މާޓިންއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓު ވެސް ލިބުނީ ސެންޓޭ އަށެވެ. އޭނާ ވަނީ މި މުބާރާތުގައި ހަތް ގޯލް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް