ކޮވިޑުގެ ނަތީޖާ ވަގުތުން ލިބޭ ޓެސްޓު އެޗްޕީއޭ އިން މިއަދު ހަދައިދޭން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމަށް އެޗްޕީއޭ އިން ރެޕިޑް އެންޓިޖެން ޓެސްޓް ހަދައިދެނީ ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރު އަދި ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުންނެވެ.
މީގެ އިތުރުން މާދަމާ ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލޭގެ އިތުރު ދެ ތަނެއްގައި ވެސް ރެޕިޑް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމާއިގުޅިގެން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މި ތަންތަނަށް ގޮސް ރެޕިޑް ޓެސްޓް ހެދޭނެކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ވެސް ލިބޭނެ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން އެޕްރޫވްޑް ކޮލިފިކޭޝަން ލިބިފައިވާ ރެޕިޑް އެންޓިޖެން ޓެސްޓްތަކަށް ހުއްދަ ދޭނެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވަނީ މއިަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ އަދި އަމިއްލަ އަށް ވެސް ހެދޭ ޓެސްޓެކެވެ.
ރާއްޖޭގައި ރަސްމީކޮށް ރެޕިޑް ޓެސްޓަށް ހުއްދަ ނުދިން ނަމަވެސް ބައެއް ތަންތަނުން އަންނަނީ މީގެ ޓެސްޓް ކިޓްތައް ވިއްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް