އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް، ކޮމަނ...

23 Jan 2022 | 15:07

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް، ކޮމަންޑޫ ދާއިރާއަށް ޒިޔާރަތްކުރައްވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އެދާއިރާއަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.

ރާޝިދުގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން މިހާރުވެސް ގެންދަވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އަދި ރައީސުލޮްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހި ވެސް ވަނީ އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް މި ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާ އިރު، ޖޭޕީއަކީ ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޕާޓީއެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއީދުކުރުމަށް އަދާލަތުން ވެސް އެމްޑީޕީއަށް ތާއީދުކުރުމަށް ނިންމާ، އެކަން މިއަދުވަނީ ހާމަކޮށްފައެެވެ. ނަމަވެސް އެ ކޯލިޝަނުްގައި ހިމެނޭ ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ.

އެމްއާރްއެމް އިން ބުނެފައިވަނީ އެންމެ ގާބިލު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީއާއި ޕީޕީއެމްގެ އަދި އެމްއެންޕީއެވެ.

އެމްޑީޕީގެ ފަރާތުން ރާޝިދު ވާދަކުރާ އިރު، ޕީޕީއެމުން ވާދަކުރަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީން ވާދަކުރަނީ އަބްދުލް ހަންނާނު އިދުރީސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް