ށ. ފޯކައިދޫއިން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ރަށު ކައުންސިލުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ރަށުން ގޯތި ދޫކުރަން ނިންމާފައި މިވަނީ10 އަހަރު ފަހުންނެވެ.
ގޯތި ދޫކުރުމުގެ މައްސަލައިގަ ރައްޔިތުންގެ އެތައް އަހަރެއްގެ ޝަކުވާތަކަށް ނިމުން އައި ނަމަވެސް ގިނަ ބަޔަކު މިކަން ސިފަ ކުރަނީ އަންނަ މަހު ބާއްވާ ބައި އިލެކްޝަނާއި ދިމާކޮށް ކުރާ ކަމެއްގެ ގޮތުގައި އެވެ. ރަށްރަށުގައި ގޯތި ދޫކުރެވޭނީ ހައުސިން މިނިސްޓްރީން އެކަމަށް ހުއްދަ ދިނުމުންނެވެ.
ފޯކައިދޫން މި ދަނޑިވަޅު ގޯތި ދޫކުރަން އިއުލާނު ކުރި އިރު އެ ދާއިރާގައި ހިމެނޭ ކޮމަންޑޫ އާއި މަރޮށީގައި ވެސް ވަނީ ސަރުކާރުން މަޝްރޫއުތަކެއް ފަށަން ނިންމައި އިއުލާނު ކޮށްފަ އެވެ. މި ތިން ރަށުގައި ކުއްލިއަކަށް ބާރު ސްޕީޑުގައި މަޝްރޫއުތައް ފަށައި ނިންމަނީ ރަށަށް މިވަގުތު އެންމެ ބޭނުންވެފައިވާ ކަންކަމަށް ބަލައިގެންނެވެ.
މި ކަންކަމަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވެސް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.
ފޯކައިދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ120 ގޯއްޗެވެ. ގޯތި ދޫކުރުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އެ ރަށު މީހުންނަށް އިސްކަން ދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް