އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ޤައުމުތަކުން ދޭ އަހަންމިއްޔަތުކަން ދައްކައިދިނުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގަތުމުން ނިއުޔޯކުގައި ހުންނަވައިގެން ބޭރުގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުންނެވެ.
ރާއްޖޭގެ ފޮރިން މިިނިސްޓަރު ކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ އަންނަ ފެބްރުވަރީ މަހުގެ 4 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގައި ފަށާ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ، އައިއޯސީން ވަނީ ދެއްވާފަ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ވަރަށް ބޮޑު އުފަލެއް." ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ޤައުމުތަކުން ދޭ އަހަންމިއްޔަތުކަން ދައްކައިދިނުމަށް އެމަނިކުފާނު ވަނީ އދގެ މެމްބަަރު ޤައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.
އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މި އިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސް އަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް