ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ ލަފާ ދިނުމަށް ފަހުމުނާއެއްގައި ސޮއެ ކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ...

23 Jan 2022 | 08:11

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ ވިމެންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އަޙްމަދު އަންވަރު އެވެ.

މި އެމް.އޯ.ޔޫ އަކީ މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން އަދި ޕިއަރ ސަޕޯޓް ގުރޫޕުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓްރީއާއި އެކު މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕް ފޯރ ވިމެން އިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެކު މަސައްކަތް ކުރަމުންދާނެ އެވެ.

މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން މި އެމް.އޯ.ޔޫގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެ އެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހަކަށްވާއިރު، މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 'ގެވެށި ގުޅުން' ކެމްޕެއިން މިނަމުގައި 15 ޖުލައި 2020 ވަނަ އަހަރު ޚާއްސަ ކެމްޕެއިންއެއް ފައްޓާފައެވެ.

މިކެމްޕެއިންގެ ދަށުން މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭ އެކި ހިސާބުތަކުގައި ކުރިއަށްގެންދެވިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ވޭދުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާއި ބަލާއިރު އިތުރުކަން ވަނީ ފާހަގަކުރެވިފަ އެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމަށްޓަކައި 1421 ޚިޔާރުކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް