ޕްރިމިއާ ލީގު: ސައުތުހެމްޓަންއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސައުތުހެމްޓަން އާއި ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. ރަށުން ބޭރުގައި ސައުތުހެމްޓަންއާއި ދެކޮޅަށް ސިޓީން ކުޅުނު މި މެޗު އެއްވ...

23 Jan 2022 | 04:06

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސައުތުހެމްޓަން އާއި ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

ރަށުން ބޭރުގައި ސައުތުހެމްޓަންއާއި ދެކޮޅަށް ސިޓީން ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ސިޓީން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ސިޓީއަށް ހައިރާންކަމެއް ގެނުވީ މެޗުގެ ހަވަނަ މިނެޓުގައި ސައުތެމްޓަނުން ސިޓީ ކޮޅަށް ވައްދާކި ހިތްގައިމު ގޯލުންނެވެ. މި ލަނޑު ސައުތެމްޕްޓަނުން ޖެހީ ކައުންޓާ އެޓޭކް ފުރުސަތެއްގައި ނެތަން ރެޑްމޮންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައިލް ވޯކާ ޕީޓާސްއެވެ.

މި ލަނޑަށް ފަހު ވެސް ސިޓީން ރަނގަޅަށް ކުޅުނުއިރު، ސައުތެމްޕްޓަނުން ދިޔައީ ވަރުގަދަ ސިޓީ ހިފެހެއްޓުމަށް ޑިފެންސިވް ގޭމެއް ކުޅެމުންނެވެ. މުޅި ޓީމުކަހަލަ ގޮތަކަށް ފަހަތަށް ޖެހި ކުޅެމުން ދިޔަ ސައުތުހެމްޓަންގެ ޑިފެންސް ފޫއަޅުވާލަން ސިޓީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ސިޓީން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ސައުތެމްޕްޓަންގެ ގޯލަށް ފޮނުވާލާފައެވެ. އެހެންނަމަވެސް މި ހަމަލާތައް ކާމިޔާބު ނުކުރެވުނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، އެއް ލަނޑުގެ ލީޑަކާއި އެކު ކުރީގައި އޮތީ ސައުތްމެޕްޓަންއެވެ. ނަމަވެސް ދެވަނަ ހާފަށް ކުޅެން ނުކުމެ ސިޓީން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ޑިބްރޭނާ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ސައުތެމްޕްޓަން ގޯލްް ދަނޑިއަށް އަމާޒުވިއެވެ.

ސިޓީން މެޗުގެ 65 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ލިބުނު ހިލޭ ޖެހުމަކުން ޑިބްރޭނާ ފޮނުވާލި ބޯޅަ އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔައިރު، މި ބޯޅަ ގޯލަށް ވައްދާލައި އެމެރިކް ލަޕޯޓެވެ. މި ލަނޑަށް ފަހުވެސް ސިޓީން ރަނގަޅަށް ކުޅެ ސައުތެމްޕްޓަންގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެޓީމަށް މެޗުން މޮޅެއް ހޯދޭގޮތެއް ނުވިއެވެ.

ރޭގެ މި މެޗުން އެއްވަރުވެ ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓާ އެކުގައެވެ. ރޭގެ މެޗުން ސިޓީއާއި އެއްވަރުވި ސައުތެމްޕްޓަން އޮތީ ކުޅުނު 22 މެޗުން ލިބުނު 25 ޕޮއިންޓާއި އެކު 12 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް