ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އަދި ސަފީރުންނާ ޝާހިދު ބައްދަލުކުރައްވައިފި

ތިން ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި، ފަސް ޤައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފްތާގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ކު...

23 Jan 2021 | 15:33

ތިން ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި، ފަސް ޤައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފްތާގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުންތައް ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ.

މިނިސްޓަރު ބައްދަލު ކުރައްވާފައިވަނީ ގަޔާނާގެ ފޮރިން މިނިސްޓަރު ހިއުޓޮޓް، ލާއޯސްގެ ފޮރިން މިނިސްޓަރު ސެލުމްޝޭ ކޮމަސިތު އަދި ބެލީޒްގެ ފޮރިން މިނިސްޓަރު އީމޮން ކޯޓްނޭ އާއެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ ސަފީރުންނާއެކުވެސް ވާޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. އެގޮތުން ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުލަމަނީ ޗަރަތްސުވަން ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމުގެ ގޮތުން މިނިސްޓަރު ޝާހިދުއާއެކު ވަދާއީ ބައްދަލުވުމެއް ވާޗުއަލްކޮށް ބާއްވަވާފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް އާއެކު ކުރެއްވި މަޝްވަރާތަކުގައި، މިއަހަރުވެސް ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާއެކު ބޭއްވެވި މަޝްވަރާތަކުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދިވެހި ކަނޑުމަހަށް ރަޝިޔާގެ ބާޒާރުން އިތުރު ފުރުސަތު ހޯދުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާ އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއެކު ފޮރިން މިނިސްޓްރީގައި މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައި، އެޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ބައެއް ފޮރިން މިނިސްޓަރުންނާއި ސަފީރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޖޯޖިއާގެ ފޮރިން މިނިސްޓަރުކަމުގެ އިތުރު ދައުރަކަށް އައްޔަންކުރެވުމާއި، ވައިސް ޕްރައިމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޑޭވިޑް ޒަލްކަލިއާނީއަށްވެސް މިނިސްޓަރު ޝާހިދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ. އަދި ޒިމްބާބްވޭގެ ޚާރިޖީ ވަޒީރު ޑރ. ސިބުސީސޯ މޯޔޯ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް