ފޮޓޯގައި އެވަނީ އަސްލު ދޫންޏެއް ނޫނެވެ. އެއީ 'ދިސް އެންޑް ދެޓް ކްރާފްޓް' އިން ވޫލުން ފިޔެވައިވާ ދޫންޏެކެވެ. މި ދޫނި ނޫނަސް ތަފާތު އެތައް ވައްތަރުގެ އެއްޗެއް 'ދިސް އެންޑް ދެޓް ކްރާފްޓް'އިން ވިޔެއެވެ.
މި މަސައްކަތް ކުރާ އައިޝަތު ނަޒްދާ (ނަޒޫ) ބުނީ، މި މަސައްކަތް ދަސްކޮށްފައި ވަނީ ޔޫޓިއުބްއިން ބަލައިގެން އަމިއްލައަށް ކަމަށެވެ.
އަބަދުވެސް ކްރާފްޓް މަސައްކަތްތަކަށް ވަރަށް ޝައުގުވެރިކަން ހުންނަކަމާއި، ވީޑިއޯ ބަލައިގެން އެކި ކްރާފްޓްގެ އެކި އެއްޗެހި ވިޔަން މަސައްކަތް ކުރާ ކަމަށެވެ. މި މަސައްކަތް ދަސްކުރާ ހިތް ވީ އިންޓަނެޓްގައި ވިޔެފައި ހުންނަ އެއްޗެހި ފެނިގެން ކަމަށާއި، މަސައްކަތް ފަށައިގަނެވުނީ އެގޮތަށް ކަމަށް ނަޒޫ ބުންޏެވެ.
"ދަރިފުޅުގެ ކަންތައްތައް ކޮށްފަ، ދެން ބާކީލިބޭ ވަގުތުތަކުގައި މި މަސައްކަތް ކުރަނީ" ވޫލުން ތަފާތު އެއްޗެހި ވިޔުމުގެ މަސައްކަތަށް ވަގުތު ދޭގޮތް ކިޔައިދެމުން ނަޒޫ ބުނެފައިވެއެވެ.
އެހެންމީހުންނަށް ވިޔަން ދަސްކޮށްދިނުމުގެ ގޮތުން 3 ކޯހެއް މިހާތަނަށް ނަޒޫ ހިންގާފައި ވެއެވެ. އެއީ މާލޭގަ 2 ކޯހަކާއި އދ. ކުނބުރުދޫގައި ކޯހެކެވެ. އިތުރަށްވެސް ބައެއް ރަށްރަށުގަ ކޯސް ހިންގަން އުޅުނު ނަމަވެސް ކޮވިޑްގެ ސަބަބުން އެކަން ކުރިއަށް ނުގެންދެވުނީއެވެ.
ނަޒޫ ބުނި ގޮތުގައި މި މަސައްކަތް ފުޅާ ކުރުމަށްޓަކައި މީހުންނަށް ދަސްކޮށްދިނުމުގެ ވިސްނުން ހުރެއެވެ.އެއީ އެންމެންނަކީ ވަޒީފާއަށް ދާ ނޫނީ ދެވޭނެ މީހުންނަށް ނުވާތީއެވެ. އެހެންކަމުން މިއީ ގޭގަ ކުރަން ރަނގަޅު މަސައްކަތެއްކަމަށް ގަބޫލުކުރެވޭތީ، އެހެން މީހުންނަށް ދަސްކޮށްދޭން ބޭނުންވާ ކަމަށެވެ.
" ވަރަށް ޕޮޒިޓިވް ފީޑްބެކްސް އަދި ހަމަ ލިބިފަހުރީ. ނިންމާފަ ހުންނަ މަސައްކަތްތައް ވަރަށް ރީތިކަމަށް، ވަރަށް ހިތްހަމަޖެހޭކަމަށް އެންމެންވެސް ބުނަނީ. އެއީ އަސްލުގަ މިކަމުގަ ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ވޫލުން ވިޔެފައި ހުންނަ އެއްޗެއްސާމެދު މީހުން ބުނަނީ ކީކޭތޯ ސުވާލު ކުރުމުން ނަޒޫ ބުނެފައި ވެއެވެ.
މި މަސައްކަތުގައި އެންމެ ދެކެން ބޭނުންނާ ދުވަހަކީ އަމިއްލައަށަ ހަދާފަ ހުންނަ ހުރިހާ އެއްޗެއް އެއްތަނަކުން ލިބެން ހުންނާނެ ގޮތަކަށް ވާނެ ދުވަހެއްކަމާއި، އަމިއްލަ ފިހާރައެެއް ހުޅުވޭނެ ދުވަހެއް ކަމަށް ނަޒޫ ބުންޏެވެ. "އަދިވެސް ޓްރައި ކުރަން ބޭނުންވާ އެކި ކްރާފްޓް މަސައްކަތްތައް އެބަހުރި. ސޯ، އެގޮތުން އަމިއްލައަށް ހަދާފަހުންނަ އެއްޗެއްސަށް ހާއްސަ ޝޮޕްއެއް އޯޕަންކޮށް އެކަމުގަ ރަނގަޅަށް ކުރިއަށް ދެވޭ ދުވަހެއް ދެން އެންމެ ބޭނުމީ"
މި މަސައްކަތަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލެއިން ރަނގަޅު ވޫލް ލިބެން ނެތުން ކަމަށް ނަޒޫ ފާހަގަކުރިއެވެ. ތަނަކުން ވޫލް ލިބެން ހުންނަނީ ވަރަށް މަދު ތަނަކުންކަމަށް ވެފައި، އެހާގިނައިން ނުލިބޭކަމީ މި މަސައްކަތުގައި ދިމާވާ ގޮންޖެހުމެއް ކަމަށް ފާހަގަކުރިއެވެ.
" އަދި ގިނަ ވެރައިޓީސް ތަކެއް ނުހުރޭ. ވަކިން ހާއްސަކޮށް ކުޑަކުދިންގެ އެއްޗެހި ވިޔަން ރަނގަޅު ވޫލްއެއް އެއްގޮތަކަށްވެސް ނުލިބޭ. ވަރަށްގިނަ އޯޑަރތައް ދޫކޮށްލަން ޖެހޭ ވޫލް ނުލިބިގެން. ވަރަށް ގިނައިން ދިމާވާ ގޮތެއް، މަސައްކަތެއް ފަށާފަ، ވަކި ހިސާބަކުން ވޫލް ހުސްވެގެން ދެން ގަންނަން ދާއިރު ވޫލް ނުލިބޭ. އެތައް މަހެއް އެބަދޭ އެއްވެސް ގޮތަކަށް ވޫލް ނުލިބި. ދެން އެތައް ދުވަހެއް ފަހުން ވޫލް ލިބެން ހުންނައިރު ކުރިން ހުރި ބްރޭންޑް ނުހުރެދޭ. އެހިސާބުން އެ މަސައްކަތް ވަނީ ބޭކާރު އެއްޗަކަށް. އެގޮތަށް، ފަށާފަ ވޫލް ނުލިބިގެން ނުނިމިފަ ހުރި ވަރަށްގިނަ އެއްޗެހި އެބަހުރި." މިކަމުގައި ދިމާވާ އެންމެ ބޮޑު އުނދަގުލަކީ އެއްޗެހި ލިބުމުގެ ދަތިކަން ކަމަށް ނަޒޫ ފާހަގަކޮށްފައިވެއެވެ.
މިއީ ކުރިއަށް ދެވޭނެ ދާއިރާއެއްކަމަށް ނަޒޫ ގަބޫލުކުރެއެވެ. ސަބަބަކީ ހުރިހާ މީހުންނަކީ ވަޒީފާ އަދާކުރާ މީހުންނަށް ނުވެފައި، ގޭގަ ހުރެގެން ހުސްވަގުތު ފުރާލާ، އާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެއްގެ ގޮތަށް ނަޒޫ މި މަސައްކަތް ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް