ނޫސްވެރިންގެ ހައްގުގައި ބެލެނިވެރި ފަރާތްތަކުން ތެދުވަން ރާއްޖެ ޓީވީން ގޮވާލައިފި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިންގެ ދިފާއުގައި ތެދުވުމަށް މީޑިއާގެ ބެލެނިވެރި މުއައްސަސާތަކަށް ރާއްޖެޓީވީގެ ސީއީއޯ ހުސައިން ފިޔާޒު...

23 Jan 2017 | 14:56

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިންގެ ދިފާއުގައި ތެދުވުމަށް މީޑިއާގެ ބެލެނިވެރި މުއައްސަސާތަކަށް ރާއްޖެޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ގޮވާލައްވައިފި އެވެ.

ދައުވާ އުފުލާފައިވާ ނޫސްވެރިންގެ ތެރެއިން ލީވާން ނަސީރާއި މުހައްމަދު ވިސާމްގެ މައްޗަށް ހުކުމް ކުރުން ކްރިމިނަލް ކޯޓުން ވަނީ މާދަމާ މެންދުރު 1:00 އަށް ތާވަލުކޮށްފައި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ނުހައްގުން އަދަބު ދިނުން ހުއްޓާލުމަށް ގޮވާލާ ކުރިޔަށް ގެންދިޔަ ފާރުގައި ލިޔުމުގެ ހަރަކާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޔާޒު ވިދާޅުވީ އެ ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތް ބްރޯޑްކާސްޓް ކޮމިޝަނާއި މީޑިއާ ކައުންސިލުން އެއްޗެސް ނުބުނެ ހަނު  ހުންނާތީ ކަންބޮޑުވާ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

"އެ ދެ ތަން (ބްޜޯޑްކާސްޓިން ކޮޮމިޝަނާއި މީޑިއާ ކައުންސިލް) ވެސް އެ އޮތީ ވާގިނެތިފަ، އަޅުގަނޑުމެންގެ ހައްގުގަ ބަހެއް ބުނެލާނެ މީހަކު ވެސް އެއިންތާކު ހުރީއެއް ނޫން،" ފިޔާޒު ވިދާޅުވި އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ފާރުގައި ލިޔުމުގެ ހަރަކާތުގައި ލިޔުނު ހުރިހާ އެންމެންވަނީ އެ ހަތަރު ނޫސްވެރިންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލާފައި އެވެ.

ލީވާން އާއި ވިސާމްގެ އިތުރުން ރާއްޖެ ޓިވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށްވެސް ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ އުފުލާފައި އެވެ. އަޑު އެހުންތައް ނިންމާ ހުކުމް ކުރުމާއި ހިސާބުގައި އޮތީ ލީވާން އާއި ވިސާމްގެ މައްސަލަ އެވެ. އެ ދެމީހުންގެ މައްޗަށް ހުކުމްކޮށްފި ނަމަ މަދުވެގެން ހަތަރު މަހާއި 10 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް