މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލާއި އެކްސްޕޯޓު ކުރި މުދަލުގެ އިތުރުން ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
ކަސްޓްމްސްގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓުކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު 161 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 251.2 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައި ވެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރު މަހު ނުވައެއް އިންސައްތަ އިތުރުވެފައި އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 259 މިލިއަން ރުފިޔާ ލިބިފައިވާއިރު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ 237 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު ވެސް އެންމެ ގިނަ އަދަދެއްގެ މުދާ ރާއްޖެއަށް އެތެެރެކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. ޔޫއޭއީން އެތެރެ ކުރި މުދަލުގެ ނިސްބަތް 17 ޕަސެންޓްގައި ހުރި އިރު ޗައިނާ އިން އެތެރެ ކުރި މުދަލުގެ ނިސްބަތަކީ 12 ޕަސެންޓެވެ. އަދި ސިންގަޕޫރުން އެތެރެ ކުރި ނިސްބަތަކީ ވެސް 12 ޕަސެންޓެވެ.
ރާއްޖޭން މައިގަނޑު ގޮތެއްގައި ބޭރުކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މަހު ވެސް އޭގެ ތެރޭން ބޮޑު ބައެއް (46 ޕަސެންޓް) ގެންދިޔައީ ތައިލެންޑަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް