އަމާޒު ވަރަށް ސީދާ ކަމަށާއި ތަފާތު ދާއިރާތަކުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރެއިން ވެސް ރައްޔިތުންނަށް ކޮށްދޭން ހުރި ބޮޑެތި މަސައްކަތްތައް ސަރުކާރުން ފުރިހަމަކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މ. ދިއްގަރު ފެނުގެ ނިޒާމް ފައްޓަވައިދެއްވުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ޕާޓީގެ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ޖަދަލުކުރިއަސް އެމަނިކުފާނުގެ އަމާޒު ވަރަށް ސީދާ ކަމަށާއި ރާއްޖެ އަށް ތަރައްގީ ގެނައުމުގައި ހުއްޓުމެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތީ ސިޔާސީ އެއްވެސް ވާދަވެރިއަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވައިގެން ނޫން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުން ތަރައްގީ ބޭނުންވާވަރު ހާމަކޮށްދެއްވަމުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރަށްރަށުގައި އެންމެ ކްލާސް ރޫމެއް އަޅާ ވާހަކަ މިހާރު ނުދައްކާނެ ކަމަށެވެ. އޭގެ ބަދަލުގައި 10 ކްލާސް ރޫމް ނުވަތަ މަލްޓި ޕާޕާސް ހޯލް ފަދަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ވާހަކަ މިހާރު ދައްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް ދެވޭނީ އަޒްމަކާއި ރޫހެއް ހުރެގެން ފިސާރި ކެރިގެން އެކަންތައްތަކަށް ކުރިމަތި ލެވިގެން ކަމަށެވެ. އަދި ވިދާޅުވީ ބޮޑެތި ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ހީނުކަރުވާ ކަމަށެވެ.
"ތަރައްގީ މަޝްރޫއުތަކަށް ނަގާ ދަރަނިތަކަށް ހީކަރުވާ ބަޔަކު ހީކަރުވަންވީ، އަޅުގަނޑުމެން މި ދަރަންޏާއެކު ކުރިއަށް ދަނީ އަޅުގަނޑުމެން ހީނުކަރުވާތީ، ކުރިއަށް ދެވޭނީ ކުރިއަށް ދިޔުމުގެ އަޒުމަކާއި ރޫހެއް ހުރެގެން، ހިދުމަތް ކުރުމުގެ ރޫހެއް ނެތި މިކަންކަމާމެދު ހީކަރުވާ ކަމަށްވާނަމަ މިއަދުގެ ޒުވާނުން ގޮވައިގެން މެކުހަށް ޖަހައި ދޯންޏެއްގެ ކައްޕިކަން ކުރާކަށް އެ ބޭފުޅެއްގެ ޝަރުތު ހަމައެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތަކީ ގައުމުގައި ހުރި ބޮޑެތި ކަންކަމަށް ހައްލެއް ހޯދެއްވުން ކަމަށެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ނަޝީދަށް އަމާޒު ކުރައްވާ ރައީސް ވިދާޅުވީ ގައުމުން ބޭރުގައި ހުންނަވައިގެން ރާއްޖެ ހައްލަކަށް ނުގެނެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ހުންނަވައި ދިވެހި ގައުމާއި ދިވެހި ދައުލަތަކީ އަދާވާތްތެރިއެއް ކަަމަށް ސިފަކޮށް ބޭރު ގައުމުތަކުގައި ވާހަކަ ދައްކާ ދެއްކުންތައް ބަލައިނުގަނެވޭ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާނަމަ، ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ގަބޫލުކުރައްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ތަރައްގީ ބޭނުން ނަމަ ކައުންސިލް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދައިދީ ސަރުކާރާއި އެކު ކުރިޔަށްދާން ވިސްނަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް