އެންމެ މާއްދާއަކުން ފިޔަވާ މިދިޔަ އަހަރު އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ދަރިވަރުން ހޯދާފައިވާ ނަތީޖާ ވަރަށް ބޮޑަށް ކުރި އަރާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރު ކުރިއެރުން ހޯދި މާއްދާތަކުގެ ތެރޭގައި ސްޓްރީމް މާއްދާތަކުން ފާސްވި ނިސްބަތް 2015 އަހަރާ އަޅާބަލާއިރު 7-10 ޕަސެންޓް މައްޗެވެ. އަދި އިހްތިޔާރީ މާއްދާތަކުން ފާސްވި ނިސްބަތް 15 ޕަސެންްޓް ވަނީ މަތިވެފަ އެވެ. މަޖުބޫރު މާއްދާތަކުގެ ތެރޭގައި ހިމެނޭ ހިސާބު އިސްލާމު އިނގިރޭސި އަދި ދިވެހިން ފާސްވި ދަރިވަރުންގެ ނިސްބަތް މަތިވެފައިވާއިރު އޭގެ ތެރެއިން ހިސާބާއި އިނގިރޭސިން ފާސްވި ދަރިވަރުންގެ ނިސްބަތްވަނީ 10 ޕަސެންޓު އިތުރުވެފައި އެވެ.
މިދިޔަ އަހަރު އޭ އާއި އޭ ޕަލަސް ހޯދި ނިސްބަތް އިތުރުވެ ނަތީޖާގެ 17 ޕަސެންޓު ހިއްސާ ކުރާ ކަމަށް މިނިސްޓްރީން ބުނެ އެވެ. ޔޫ ގްރޭޑް ލިބިގެން ފާސްނުވާ ކުދިންގެ ނިސްބަތް 2015 ވަނަ އަހަރު 11 ޕަސެންޓުގައި ހުރި އިރު އެ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު ވަނީ 4.6 ޕަސެންޓު ދަށްވެފައި އެވެ.
ދަރިވަރުން ބައިވެރިވި މާއްތަކުން ތަކުން 2015 ވަނަ އަހަރު 63.6 ޕަސެންޓު ކުދިން ތިން މާއްދާއިން ފާސްވި އިރު މިދިޔަ އަހަރު 79 ޕަސެންޓު ކުދިން ވަނީ ތިން މާއްދާއިން ފާސްވެފައި އެވެ.
މިދިޔަ އަހަރު ނަތީޖާއަށް ކުރި އެރުން ނުލިބެނީ ބިޒްނަސް ސްޓަޑީޒް އިންނެވެ. 2015 ވަނަ އަހަރާއި އަޅާ ބަލާއިރު އެ މާއްދާއިން ފާސްވި ކުދިންގެ ނިސްބަތްވަނީ 83 ޕަސެންޓުން 65 ޕަސެންޓަށް ދަށްވެފައި އެވެ.
އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މި އަހަރު އޯލެވެލް އާއި އެސްއެސްސީން ދަރިވަރުން ހޯދީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ހާއްސަކޮށް، ތިން މާއްދާއަށް ވުރެ ގިނައިން ދަރިވަރުން ފާސްވި ނިސްބަތް މަތިވުން ފާހަގަކޮށްލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކުރިއެރުން ނުލިބޭ ސައިންސް ސްޓްރީމް މާއްދާތަކުންވެސް މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.
އޯލެވެލް އިމްތިހާނުގައި 2015 ވަނަ އަހަރު 5272 ދަރިވަރުން ބައިވެރިވި އިރު މިދިޔަ އަހަރު 5410 ދަރިވަރުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް