މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ރިސޯޓު ހުޅުވި އަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާގޮތުން މިދިޔަ އަހަރު މުޅިން އަލަށް ޓޫރިސްޓުން ބޭތިއްބުމަށް 124 ތަނަކަށް ހުއްދަ ދީފައިވެ އެވެ. އޭގެ ތެރޭގައި 11 ރިސޯޓާއި 11 ސަފާރީ އާއި 101 ގެސްޓް ހައުސްގެ އިތުރުން ޓޫރިސްޓު ހޮޓަލެއް ހިމެނެ އެވެ.
އަދި މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ފަތުރުވެރިން ބައިތިއްބާ ޖުމްލަ 667 ތަނަކާއެކު، 37،218 އެނދު ރެޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.
މިދިޔަ އަހަރު މުޅިން އަލަށް ހުޅުވި 11 ރިސޯޓަކީ ރ. ފުރަވެރީގައި، ފުރަވެރި އައިލެންޑް ރިސޯޓު، ބ. ކަނިފުށީގައި، ފިނޮޅު ރިސޯޓު، ކ. މާދޫގައި، އޯޒެން ބައި މާދޫ، ކ. ކުޑަބަނޑޮހުގައި، މަލަހިނި ކުޑަ ބަނޑޮސް، ބ. ދިގުފަރުވިނަގަނޑުގައި، ދިގުފަރު އައިލެންޑް ރިސޯޓު، ޅ. ހުރަވަޅީގައި، ހުރަވަޅި މޯލްޑިވްސް، ދ. ވޮށްމުލީގައި، ސެއިންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި، ނ. މެދުފަރުގައި، ސޮނޭވާ ޖާނީ އަދި ބ. މިލައިދޫގައި، މިލައިދޫ އައިލެންޑާއި، ޅ. އޫކޮޅުފުށީގައި، ކޮކޫން މޯލްޑިވްސް އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ 2015 އާ އަޅާ ބަލާއިރު 4.1 ޕަސަންޓުގެ ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް