މ. ދިއްގަރުގައި ގާއިމް ކުރި ސާފު ބޯފެނުގެ ނިޒާމު ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ އެ މަސައްކަތް ނިންމައި ހިދުމަތް ދިނުމަށް 20 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވެ އެވެ. އެ ޕްލާންޓުތަކުން ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާއިރު، އެ ޕްލާންޓުތަކުން އުފައްދާ ފެން ރައްކާކުރުމަށް 200 ޓަނުގެ ތާންގީ އެއް ބަހައްޓާފައިވެ އެވެ.
އަދި ރަށުގެ ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމަށް 4.7 ކިލޯމީޓަރު ފެން ވިއުގައެއް ގާއިމްކޮށްފައިވާއިރު، 202 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓާފައިވެ އެވެ.
މި މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލު ކުރީ 2013 ވަނަ އަހަރުގެ އެވެ. މި މަސައްކަތަށް 25.8 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ވެ އެވެ.
މީގެ އިތުރުން މިއަދު ރައީސް ޔާމީން ވަނީ ދިއްގަރުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވާފައި އެވެ.
އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މި މަސައްކަތަށް 54 މިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.
ރައީސް ޔާމީން މ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމާއި ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ބައިވެރިވެވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް