ދަގަނޑޭގެ ޖާދޫ ބަލާލަން ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް!

ޕީޕަލްސް ކަޕްގެ ދެވަނަ މެޗުގައި ރޭ ދިވެހިރާއްޖޭގެ ނިއުރޭޑިއަންޓް އަދި ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިއަން ސުޕަރލީގުގެ ކުލަބް ޕީޑީއާރްއެމް ކުޅުނު މެޗަށްވަނީ ގިނަ އަދަދެއްގ...

23 Jan 2015 | 14:41

ޕީޕަލްސް ކަޕްގެ ދެވަނަ މެޗުގައި ރޭ ދިވެހިރާއްޖޭގެ ނިއުރޭޑިއަންޓް އަދި ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިއަން ސުޕަރލީގުގެ ކުލަބް ޕީޑީއާރްއެމް ކުޅުނު މެޗަށްވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައެވެ.

ދިވެހި ފުޓުބޯޅައިގައި ކުލަބަކަށް ސަޕޯރޓުކުރަން ނުވަތަ ދެ ކުލަބެއް ކުޅޭ މެޗަކަށް މި ފަހަކަށް އައިސް މީހުން ނުވަންނަ ވަރަށް ރޭގެ މެޗަށްވަނީ މީހުންވަދެފައެވެ. ގަލޮޅު ދަނޑު ފުރިފައިވާއިރު ހަޅޭކު އަޑެއްވެސް މަޑެއް ނޫނެވެ. މިއީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ މީހަކަށް އުފާވެރި މަންޒަރުތަކެކެވެ.

ދަނޑަށް ވަނުމަށް މަގުމަތީގައި ބޮޑު ކިއުއެއް ހަދާފައިވާއިރު ގިނަ ބައެއްގެ ދުލުން އިވެމުން އައި އަޑަކީ " މަ މިވަންނަނީ ގަލޮޅު ދަނޑުގެ ރަސްގެފާން ދަގަނޑޭގެ ޖާދޫ ބަލާލުމަށް" މިފަދަ ވާހަތަކުގެ އަޑެވެ. ގިނަ ބަޔަކު ބޭނުންވީ އަލީ އަޝްފާގް އޭނަގެ ކުރީ ކުލަބް ނިއުރޭޑިއަންޓް ކޮޅަށް ގޯލެއް ޖަހާ މަންޒަރު ބަލާލުމަށެވެ. އެއީ ހިތާ ދެކޮޅަށް ކަމަށްވިޔަސް އެ މަންޒަރު ބެލުމަށް ގިނަ ބަޔަކު ބޭނުންވިއެވެ. އަދި ރޭގެ މެޗުގައި ނިއުރޭޑިއަންޓް މޮޅުވާން އެދުނު އެތަށް ބަޔަކުވެސް ދަގަނޑޭގެ ގޯލައެއް ނުވަތަ ޗަރުކޭހެއް ނުފެނި ގެޔަށް ދިއުމަކަށް ނޭދެއެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ނިއުރޭޑިއަންޓުންވަނީ އެޓީމުގެ " ލިވިން ލެޖެންޑް " އަލީ އަޝްފާގަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ. މި ގާޑް އޮފް އޮނާ އާއެކު މުޅި ގަލޮޅު ދަނޑު އެކީ އަކައްޗަކަށް ދަގަނޑޭއަށްޓަކައި ސެލިއުޓް ކުރިއެވެ. ދިވެހި ދަރިއެއް މެލޭޝިއާގެ ވަރުގަދަ ޓީމަކާއެކު ފެނިލުމާއެކު ދިވެހިންގެ ހިތްތަކަށް ފަހުރުވެރިކަމުގެ އިހުސާސް ކުރެވުނެވެ. އެ ޓީމް ކުޅެން ހަމަޖެހިފައިއޮތީ ދިވެހި ޓީމަކާއި ދެކޮޅަށް ކަމަށްވިޔަސް ފުޓުބޯޅަ ދަނޑުމަތީގައި ދިވެހިންގެ "ހީރޯ" އަލީ އަޝްފާގަށް ހުރިހާ ދިވެހިންވެސް މަރުހަބާކީ ހިނިތުންވުމާ އެކުގައެވެ. އަލީ އަޝްފާގް ޖާދޫއަކީ ދަނޑުމަތީގައި ދިވެހިން ބަލާ ފޫހިނުވާނެ ޖާދޫއެއްކަން ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް