އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް އިތުރު ދަޢުވާތަކެއް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ބުނެފައިވަނީ ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފް.އޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް އިތުރު ދަޢުވާތަކެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އެ ދަޢުވާތަކުގެ ތެރެއިން އެއް ދަޢުވާއަކީ ޤާނޫނުލްޢުޤޫބާތުގެ ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
ޕީޖީން ބުނެފައިވަނީ އެ ދަޢުވާކުރަނީ ބައްސާމު، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީކަމަށެވެ. މި ދަޢުވާ ސާބިތުވެއްޖެނަމަ އަދަބަކަށް ވާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ދެވަނަ ދަޢުވާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.
ޕީޖީން ބުނެފައިވަނީ މި ދަޢުވާކުރަނީ ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށެވެ.
މި ދަޢުވާ ސާބިތުވެއްޖެނަމަ އަދަބަކަށް ވާނީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި ދަޢުވާތަކާ ގުޅިގެން ބައެއް މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައިވެއެވެ.
އެއީ:
- މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް
- ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް.
މި މައްސަލާގައި ކުރިން ތަޙުޤީޤުކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
މި ޢަމަލުތަކުގައި ބައިވެރިވީ އެފް.އޭ.އެމްގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކުކުރުމަށްޓަކައި ޕީޖީން ދަނީ ތައްޔާރުވަމުންނެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ މައްސަލައެކެވެ. ތަޙުޤީޤަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ޤަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެކަމުގައިވެސް މިއަދު ޕީޖީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް