ކ. ގުރައިދޫން ނިޔާވި އުމުރުން ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާއި ހަވާލުކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސުނުހާއިރު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. ގުރައިދޫގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި އެ ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެއަށްފަހު މިދިޔަ އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އެދުވަހުގެ 12:00ގެ ފްލައިޓުން އިންޑިއާއަށް ފޮނުވާފައިވާކަމަށެވެ.
މިއަދު އެކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާއި ހަވާލުކޮށްފައިވާއިރު ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް ލިބުނު ކަމެއް ނޫންކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް