ޒުހޫރު ފޮނުވިކަމަށް ބުނާ ސިޓީއެއް ނުލިބޭ – ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް މުއިއްޒު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަން ކުރިން ކުރެއްވި އަހްމަދު ޒުހޫރު ރައީސަށް ފޮނުވިކަމަށްބުނާ ސިޓީ ލިބިފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ...

22 Dec 2024 | 12:49

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަން ކުރިން ކުރެއްވި އަހްމަދު ޒުހޫރު ރައީސަށް ފޮނުވިކަމަށްބުނާ ސިޓީ ލިބިފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޒުހޫރު ފޮނުވިކަމަށް ބުނާ އެ ސިޓީއަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އަމިއްލައަށް އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު އެޗްޑީސީ ހިންގަވަމުންގެންދެވި އިރު ހިންގަމުންދިޔަ ގޯސްކަންކަން ފާހަގަކޮށްފައިވާ ސިޓީއެކެވެ.

ރައީސް މިއަދު ވިދާޅުވީ އެފަދަ ސިޓީއެއް ލިބިލެއްވިނަމަ ފިޔަވަޅު އަޅާނެ ކަމަށާއި އަދި ކަންކަން އެނގުމާއި ހަމައިން ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އަދި ފުލުހުން މިހާރު އެކަންކަން ތަހުގީގުކުރަމުން އަންނައިރު އެކަންކަން ކުރި ފަރާތްތައް އެނގި ކުރިއަށްއޮތްތާނގައި އެފަދަ ކަންކަން ތަކުރާރުނުވާނެގޮތެއް ވުމަކީ ސަރުކާރުން ބޭނުންވާގޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެކަމަށާއި މަގާމުތަކަށް އައްޔަންކުރަނީ ވައްކަންކުރަން ނުވަތަ ކޮރަޕްޝަން ހިންގަން ނޫން ކަމަށެވެ. ބޭނުންފުޅުވަނީ މި ސަރުކާރަކީ ކޮރަޕްޝަނާ ފަސާދަޔާ ނުގަވައިދުން ކަންކަން ކުރާ ސަރުކާރަކަށް ނުވުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް