ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ15 މުވައްޒަފަކު ވަކިކޮށްފިއެވެ.
މި މުވައްޒަފުން ވަކޮކޮށްފައިވަނީ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ބޭރުން ނަހަމަ ގޮތުގައި ފްލެޓް ދިން މައްސަލަގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރުކުރައްވުމާއި ގުޅިގެން މައްސަލައިގެ ތަހުގީގަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެ މުވައްޒަފުން ވަކިކުރީ ޕީޖީގެ އަމުރަކާއި ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އިން ކުރަމުންގެންދާ ތަހުގީގަށް އެއްވެސް ހުރަހެއް ނެތިު ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށެވެ. އެޗްޑީސީން މުވައްޒަފުން ވަކިކޮށްފައި ވަނީ މިއަދެވެ.
މިއަދު ވަކި ކުރެވުނު މުވައްޒަފުންނަކީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދާ ގާތް މުވައްޒަފުންތަކެކެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެގޮތުން މިއަދު އެމަގާމަށް ވަނީ މުހައްމަދު މައުރޫފް ޖަމީލު އައްޔަން ކުރައްވާފައެވެ.
އެޗްޑީސީގެ ޗެއާމަން ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދުވެސް ވަނީ އެމްޑަބްލިއުއެސްސީން ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑްކޮށްފައެވެ. އަދި މީގެއިތުރުން ހައުސިން މިނިސްޓްރީގެ ނުވަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލާއިގައި20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.
މި މައްސަލަ ދަނީ ކަމާގުޅުން ހުރި އިދާރާތަކުން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް