ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގެ އުތުރުގެ ހުރިހާ ބިނާތަކެއްގެ ދެބައިކުޅަ އެއްބައި ހަލާކުވެފައިވާއިރު، އެންކްލޭވް ފެންނަނީ ޖައްވަށް ވުރެ ތަފާތު ކުލައަކާއި ޓެކްސްޗާއެއް ފަދައިން ކަމަށް އެމެރިކާގައި ހަރަކާތްތެރިވާ މެޕިން މާހިރުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.
އެންމެ ފަހުގެ ކަންކަން
- ޣައްޒާގެ އުތުރުގައި މިހާރު އެއްވެސް ހޮސްޕިޓަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.
- ރަތް ކަނޑުގައި ހޫތީން ދިން ހަމަލާތަކުގެ ތެރޭގައި ޖަރުމަނުގެ ހަޕަގް-ލޮއިޑް އާއި ހޮންގްކޮންގްގެ އޯއޯސީއެލް ވެގެން ގޮސްފައި ވަނީ ކަނޑުގެ ސަރަހައްދުން ސަލާމަތްވި އެންމެ ފަހުގެ ޝިޕިން ކުންފުނިތަކަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ކެނެޑާއިން ވަނީ ޣައްޒާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކެނެޑާގެ ރައްޔިތުންނާއި ދާއިމީ ރަށްވެހިންގެ ގާތް ތިމާގެ މީހުންނަށް ވަގުތީ އިމިގްރޭޝަން ވިސާ ދޭން ނިންމާފައެވެ.
- އިޒްރޭލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑުން ފޮނުވާލި ރޮކެޓްތަކެއް ހުއްޓުވާފައިވާ ކަމަށެވެ.
އިންސާނީ ގޮތުން ކޮށްފައިވާ އަސަރުތައް
- ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 20،057 މީހުން ޝަހީދުވެ، 53،320 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
- އަލްޖަޒީރާ އަރަބިކް އާއި ވަފާ ނިއުސް އެޖެންސީން ބުނި ގޮތުގައި އިޒްރޭލުން ރޭގަނޑުގެ ވަގުތުގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދިންއިރު އޭގެ ތެރޭގައި ނުސީރާތާއި ދީރް އަލް ބަލާހްގެ އިތުރުން ދެކުނުގެ ޚާން ޔޫނުސް އާއި ރަފާހް ހިމެނެއެވެ.
- ޣައްޒާގައި ކާބޯތަކެތީގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ގޭބިސީތަކުގެ ނިސްބަތަކީ މިހާތަނަށް މުޅި ދުނިޔޭގައި ރެކޯޑް ކުރެވިފައިވާ އެންމެ ބޮޑު އަދަދު ކަމަށް އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ޣައްޒާގެ މުޅި 2.3 މިލިއަން އާބާދީއަށް ވަނީ ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައެވެ.
- އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ މިޒަމާނުގެ ނޫސްވެރިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަނގުރާމަކަމަށް ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ. ސީޕީޖޭއިން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، ފާއިތުވި 10 ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި 68 މީޑިއާ މަސައްކަތްތެރިން މަރާލާފައިވާކަމަށެވެ.
ޑިޕްލޮމަޓިކް މަސައްކަތްތައް
- އިޒްރޭލާއި ޣައްޒާ ހަނގުރާމައިގެ ގަރާރަށް ވޯޓަށް އެހުން އދ.ގެ ސަލާމަތީ މަޖިލީހުން އަނެއްކާވެސް ވަނީ ފަސްކޮށްފައެވެ.
- އިޒްރޭލާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން އޮންނަ އަރަބި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހާރިޖީ ވަޒީރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަހްޔާން ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަލް ޝެއިހްއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. ފަލަސްތީނަށް އިންސާނީ އެހީ ދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އިރު، އަލް ނަހްޔާން ވަނީ ދެ ސްޓޭޓްގެ ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ގޮވާލައްވާފައެވެ.
- އީރާނުގެ ތާއީދު އޮންނަ ހޫތީ ޖަމާއަތުން ރަތް ކަނޑުގެ އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުކުރުމާ ގުޅިގެން އިޒްރޭލުގެ އެއިލާޓް ބަނދަރުގެ ހަރަކާތްތައް 85 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ބަނދަރުގެ ޗީފް އެގްޒެކެޓިވް ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް