ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭ: އެމްޑީޕީ

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭކަމަށާއި އެކަން ބަންދުކުރަން މަސައްކަތް ކުރާނީ ހުދުމުހުތާރު ސިފަތަކެއް ޖެހިފައިވާ ސަރުކާރަކުން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ...

22 Dec 2023 | 13:30

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭކަމަށާއި އެކަން ބަންދުކުރަން މަސައްކަތް ކުރާނީ ހުދުމުހުތާރު ސިފަތަކެއް ޖެހިފައިވާ ސަރުކާރަކުން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން މި ސަރުކާރުގެ އަމަލުތައްވެސް ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާ ތަނާއި، ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން ކަމުގައި ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ، އެމްޑީޕީ އިން ބުނީ ދިވެހިބަހުން ލިޔެ ޝާއިއު ކުރާ ބައެއް ވެބްސައިޓްތަކާއި ނޫސްތައް މި ސަރުކާރުން ބްލޮކް ކުރުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ. އެ ޕާޓީން ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، ހިޔާލު ފާޅުކުރުމަކީ ޤާނޫނޫ އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީއިން އަބަދުމެ ވަކާލާތުކުރާ މަގެއް ކަމަށާއި، އެ ހައްގުތަކަކީ ދިވެހި އެތަކެއް ރައްޔިތުންނާއި އެމްޑީޕީ އިން ގުރުބާންވެގެން ހޯދި ހައްގުތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖުތަމައަކީ ދިމަގްރާތީ މުޖުތަމައެއް ކަމަށް އެމްޑީޕީ އިން ނުދެކޭ ކަމަށް ބުންޏެވެ.

އެމްޑީޕީ އިން ބުނީ އެ ޕާޓީގެ ކުރީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް އަދި ވަކިން ހައްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދީފައިވާނެ ކަމަށެވެ. އަދި ސަރުކާރާއި ދެކޮޅަށް ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް