ސަރުކާރާ ދެކޮޅު ކޮންޓެންޓް ޝާއިއުކުރާ ވެބްސައިޓްތައް ބްލޮކްކުރުން ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖީއޭ) އިން ގޮވާލައިފިއެވެ.
އެމްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރަށް ފާޑުކިޔާ ލިޔުންޔައް ޝާއިއުކުރަމުން ދިޔަ ދެ ވެބްސައިޓަކާއި، ރަޖިސްޓަރ ކޮށްގެން ހިންގާ furathama.com ނޫހުގެ ވެބްސައިޓް ސަރުކާރުން ބްލޮކްކުރި ކުރުން އެ ޖަމިއްޔާއިން ކުށްވެރިކުރާކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ސަރުކާރުން އެޅި މި ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ އެއްވެސް އުސޫލެއް އާންމު ކުރުމަކާ ނުލާކަން ފާހަގަކުރައްވާ އެ ޖަމިއްޔާއިން ބުނީ ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަޝިޕް ސަރުކާރުން އެކްސަސައިޒްކުރުމަކީ އެ ޖަމިއްޔާއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ސަރުކާރުން އެއްވެސް އުސޫލެއްނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އެމްޖީއޭ އިން ބުނީ އެ ޖަމިއްޔާއިން މި ފިޔަވަޅު ސިފަކުރަނީ ޑިމޮކްރަސީއާ ބީރައްޓެހި، ނޫސްތަކަށާއި ނޫސްވެރިންނަށް އަދި ހުރިހާ ރައްޔިތުންނަށްވެސް ސަރުކާރުން ދިން ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާފަދަ ބިރުވެރި ނިންމުމެއް ގޮތުގައި ދެކޭކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި އެކަމުގައި ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ (އެމްއެމްސީ) ގާނޫނުގެ ދަށުން އެމްއެމްސީގެ މެންޑޭޓުކަމުގައި ކަނޑައަޅާފައިވާ ކަމެކެވެ. ރަޖިސްޓަރ ނުކޮށް ހިންގާ ނޫސްތަކަކީވެސް އެމްއެމްސީއަށް ރެގިއުލޭޓްކޮށް އެ ގާނޫނުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭނަމަ، އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީއަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ކިޔައި ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމް ތަރުތީބުކޮށްފައިވާ ގޮތެއް ނޫން ކަމަށް އެމްޖީއޭ އިން ބުންޏެވެ.
އެމްޖީއޭ އިން ވަނީ އެމްއެމްސީއަށް ހަވާލުކޮށްފައިވާ ޒިންމާ އެންމެ ރަނގަޅުގޮތުގައި އަދާކުރުމަށް އެ ކައުންސިލް ބާރުވެރިކުރުވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަދި ޑިސްއިންފޮމޭޝަން އާއި މިސްއިންފޮމޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ޖަމިއްޔާއިން ތާއިދުކުރާ ކަމެއް ނަމަވެސް، ވެބްސައިޓްތައް ބްލޮކްކުރުމަކީ އެކަމަށް އޮތް ފަރުވާއެއް ކަމަށް ނުދެކޭ ކަމަށް އެމްޖީއޭ އިން ބުންޏެވެ. އެމްޖީއޭ އިން އިތުރަށް ބުނީ އެކަން ހައްލުކުރުމަށް އޮތް އެންމެ ރަނގަޅު މަސައްކަތަކީ ދޮގު މައުލޫމާތު ދެނެގަންނަން އާންމުން ހޭލުންތެރިކުރުމާއި ފެކްޓް-ޗެކިން މަސައްކަތް ޕްރޮފެޝަނަލްކަމާއެކު ކުރުމަށް ސަރުކާރުން މީޑިއާއަށް އެހީވުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް