ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫހެއް މި ސަރުކާރުން ބަންދު އަދި ބްލޮކް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ޝަހީބު މިހެން ވިދާޅުވެފައިމިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކްކޮށްފައިވާ ދަނޑިވަޅެއްގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް އަޅާކަމަށްބުނެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
" ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ޝަހީބު ވިދާޅުވެފައިވެއެވެ.
ރޭގެ ވަގުތެއްގައި ބްލޮކްކޮށްފައިވަނީ "ދިޔަވަރު ޑޮޓް ކޮމް" ކިޔާ ވެބްސައިޓަކާއި، "ކުރުސީ ޑޮޓް ކޮމް" ކިޔާ ވެބްސައިޓެކެވެ. މި ވެބްސައިޓްތަކުން ދިޔައީ ރައީސް މުއިއްޒު އިންތިޚާބުވި ހަމައިން ފެށިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި ދެ ވެބްސައިޓް ބްލޮކް ކުރުމުން ސަރުކާރަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެއީ ހިޔާލު ފާޅުކުރުމަށް ސަރުކާރުން ހުރަސް އަޅަން ފެށި ފެށުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ދެކެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް