އިހި ނަގަން މޫދަށް ފޭބި ފަހުން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށް

އިހި ނަގަން، އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތު މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. ރޭގައި 22:10 ހާއިރު، އިހި ނަގަން އ...

22 Dec 2023 | 04:43

އިހި ނަގަން، އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތު މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރޭގައި 22:10 ހާއިރު، އިހި ނަގަން އެ ސަރަހައްދަށް ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ ސ. މަރަދޫ، ކުރެދުމާގޭ، އުމުރުން 18 އަހަރުގެ މުހައްމަދު ނައިޝް އެވެ.

ރޭއްސުރެ ނައިޝް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަދު ހެނދުނު މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފް އިން ބުނެފައިވަނީ ނައިޝް ހޯދުމަށް ކުރިއަށްގެންދާ "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަނުގެ އިތުރު ތަފްސީލު މިއަދު ހާމަކުރާނެކަމަށެވެ.

އެމްއެންޑީއެފްއިން ރޭގައި ބުނެފައިވާގޮތުގައި އެ ޒުވާނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި  އެ ޒުވާނާ ހޯދުމުގެ މަސައްކަތުގައި ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް ރޭގައި ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވާގޮތުގައި އެ ޒުވާނާއާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުން އެމްއެންޑީއެފްއިން އެދެއެވެ. އަދި މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި އަދި ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރެއްވުންވެސް އެމްއެންޑީއެފްއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް