ބައްޕައާއި ދެކޮޅަށް ކައިޒީން ކޯޓަށް

ދިވެހި މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންޒާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. ކައިޒީން މި މައްސަލަ ހުށަހެޅީ އޭނާ 3.6 މިލިއަ...

22 Dec 2022 | 17:17

ދިވެހި މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންޒާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކައިޒީން މި މައްސަލަ ހުށަހެޅީ އޭނާ 3.6 މިލިއަން ރުފިޔާ ދީގެން ގަނެފައިވާ މުދާ އުފުލާ ދޯންޏެއް ބައްޕަގެ ނަމުގައި ރެޖިސްޓްރީ ކުރުމުންނެވެ. ކައިޒީން ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ބައްޕަގެ ނަމަށް ބޯޓު ރެޖިސްޓްރީކޮށްފައިވަނީ އޭނާގެ ރުހުން ނެތި ކަމަށެވެ.

ކައިޒީން އާއި ބައްޕަ އިބްރާހިމް އަލިފުޅަކީ ޅ. ނައިފަރަށް ނިސްބަތްވާ ދެބަފައިންނެވެ.

މި މައްސަލައިގަ އިއްޔެ ވަނީ ކައިޒީންގެ އެދުމަށް ސިވިލް ކޯޓުގެ ގާޒީ ޒުލައިހާ ޝީޒާ ސޮއި ކުރައްވައި ވަގުތީ އަމުރެއް ނެރެދީފައި އެވެ.

އެ އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާ ކަމަށެވެ.

ބޯޓާއި ގުޅޭ އެއްވެސް މުއާމަލާތެއް ކުރެވޭނީ މައްސަލަ ނިމެންދެން ކައިޒީންގެ ރުހުމާއި އެކު ކަމަށް ބުނެފައިވެ އެވެ.

ކައިޒީންގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނީ ބައްޕަގެ ނަމަށް ބޯތުގެ ރެޖިސްޓްރީ ބަދަލުކޮށްފި ނަމަ އޭނާއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެތީ އެވެ.

ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވެ އެވެ. އަދި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދިނުމުގައި ސުޕްރީމް ކޯޓުގައި ނިންމާފައިވާ ބޮޑެތި މައްސަލަތަކުގައި ރިއާޔަތް ކޮށްފައިވާ ކަންކަމަށް ބަލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް