އިންޑިއާގެ ޓިވީ އެކްޓްރެސް އުރްފީ ޖާވިދުގެ ހެދުން އެޅުމުގެ މިނިވަން ކަމުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ މަގުމަތީގައި ފޮޓޯ ނަގަން އުޅެނިކޮށް ފުލުހުން ހުއްޓުވައިފި އެވެ.
އުރްފީއަކީ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް ހެދުން އެޅޭނެ ކަމަށް ބުނެ ވަރަށް ނިވާކަން ކުޑަ ހެދުން ލައިގެން އާންމު ތަންތަނަށް ނުކުންނަ މީހެކެވެ. ގިނަ ބައެއްގެ ފާޑުކިޔުން އުރްފީއަށް މި މައްސަލައިގަ އަމާޒުވާއިރު މަޝްހޫރު ފަރާތްތަކުން ބުނަނީ އުރުފީއަކީ އިންޑިއާގެ ޒުވާނުންނަށް ހުރި ހުތުރެއް އަދި ހަލާކު ކަމަށެވެ.
މީހުން ކިޔާ އެއްޗިއްސަށް ފަރުވާލެއް ނުބަހައްޓާ އުޅެނިކޮށް މިފަހަރު އުރުފީއަށް ވަނީ ލަނޑެއް ލިބިފައި އެވެ. އޭނާ ދުބާއީއަށް ގޮސް އުޅެނީ ފޮޓޯ ޝޫޓަކަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ފޮޓޯތައް ނަގަން މަސައްކަތް ކުރީ އާންމުން ގިނަ ކާރޫބާރޫ ބޮޑު ދުބާއީގެ މަގެއްގައި އެވެ.
ދުބާއީ އަކީ އާންމު ތަންތަނުގައި އަމަލު ކުރަން ހަރުކަށި ގަވައިދުތަކެއް ހަދާފައިވާ ސިޓީއެކެވެ އެގޮތުން އަޑުގަދަ ކުރުމާއި ވަކި ސަރަހައްދުތަކެއްކައި އިސްލާމް ދީނާއި ފުށޫ އަރާ ގޮތަށް އުޅުމާއި ބާރަށް އެއްގަމު އުޅަނދު ދުއްވުމަކީ ހަރުކަށި އަދަބު ލިބޭ ކަންކަމެވެ.
އުރްފީ ލައިގެން ހުރީ ވަރަށް ނިވާކަން ކުޑަ ހެދުމެއް ކަމަށާއި ފޮޓޯ ނަގަން ރަނގަޅަށް ނުފެށިގެން އުޅެނިކޮށް އެ ސަރަހައްދަށް ފުލުހުން ގޮސް މަސައްކަތް ހުއްޓުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ބައެއް ރިޕޯޓުތަކުގައި ވަނީ އެ މައްސަލައިގަ އުރްފީ ފުލުހުންގެ އިދާރާއަށްވެސް ގެންދިޔަ ކަމަށް ބުނެފައި އެވެ.
އެ ފޮޓޯތައް ނެގުން ހުއްޓުވީ އުރްފީ ލައިގެން ހުރި ނިވާކަން ކުޑަ ހެދުމުން ކަމަށް ރިޕޯޓުތަކުގައި ބުނި ނަމަވެސް އުރްފީ އެކަން ދޮގު ކުރެ އެވެ. އުރްފީ ބުނީ އެމީހުންގެ މަސައްކަތް ހުއްޓުވީ ފޮޓޯ ޝޫޓު ކުރިޔަށް ގެންދަން އުޅުނު ތަނުން ކަމަށެވެ. އެކަމާއި އޭނާގެ ހެދުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި ފުލުހުންގެ އިދާރާއަށްވެސް އޭނާ ހާޒިރު ނުކުރާ ކަމަށް ބުންޏެވެ.
އުރްފީ އެންމެ މަޝްހޫރުވެގެން ދިޔަ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނެނީ ” ބަޑޭ ބައްޔާ ކީ ދުލްހަނިޔާ” އެވެ. އޭގެ ފަހުން “މޭރީ ދުރްގާ” އަކީވެސް އުރްފީ ފެނިގެންދިޔަ މަޝްހޫރު ސިލްސިލާ އެކެވެ. އުރްފީ ވަނީ ބިގް ބޮސްގެ ސީޒަންއެއްގައިވެސް ބައިވެރިވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް