ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމަޢު އަހުލުވެރިކޮށް، ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައަޅައި، ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކޮށް، ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުމުގެ ބޭނުމުގައި ކަމުގައި މި އިދާރާ އުފެއްދަވަމުން ރައީސް ވިދާޅުވެފައިވެއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް
- ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް އެކުލަވާލައި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތްބަލައި މޮނީޓަރކުރުމާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން.
- ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފްސާނީ ޞިއްޙީ ޚިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން.
- ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެއްބާރުލުން ހޯދުން.
- ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން.
- ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ޤާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
- ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ކޯސްތައް އެކުލަވައިލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޚިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެގޮތުން އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި،
- މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް ހާމަކުރުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް