ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ކަސައުޓި ޒިންދަގީ ކީ" ގެ ސީޒަން އެކެއްގެ ލީޑްރޯލުން ފެނިގެން ދިޔަ ޝްވެތާ ތިވާރީ (ޕްރޭނާ) ގެ ދަރިފުޅު ޕަލަކް ތިވާރީ އާއި ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާންގެ މެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޕަލަކް ބޮލީވުޑަށް ނެރުމަކީ ޕްރޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. އެ ހުވަފެންް އޭނާ ދަނީ މަޝްހޫރު ޑައިރެކްޓަރުންނާއި ވާހަކަ ދައްކައިގެން ހަގީގަތަކަށް ވޭތޯ މަސައްކަތް ކުރަމުންނެވެ.
ޕަލަކު ބޮލީވުޑުން ފެނިދާނެ ކަމުގެ ކުލަތައް ފެންނަމުންދާ ވަރަކަށް ދެން ފެންނަ މަންޒަރަކީ އޭނާ އާއި އިބްރާހިމް އަދި އިތުރު ބޮލީވުޑް ތަރިންގެ ދަރިންތަކެއް ޕާޓީތަކަށް ދިއުން އިތުރުވެފައިވާ ތަނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިއަހަރު ފެށުނު ފަހުން އެ މަންޒަރު ފެންނަލެއް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.
މި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންނަނީ ޕަލަކުދާ ކޮންމެ ޕާޓީއެއްގައި އިބްރާހިމް ހުރުމެވެ. އަދި އެއް ކާރުގައި ދަތުރު ކުރުމާއި ބައެއް ފަހަރު ދެމީހުން އެއްކޮށް ފޮޓޯއަކަށް ނާރާނެ ގޮތެއް ވޭތޯ ބަލަން ޕަލަކް ކުރާ މަސައްކަތެވެ. މީގެ އިތުރުން އިބްރާހިމަށް ކަމެއް ވާހެންވެސް ހީނުވާގޮތަށް އުޅުމެވެ.
އެމީހުންގެ އުޅުމަށް ބަރާބަރަށް ޕަޕަރާޒީން ފާރަލަމުންދާއިރު މީގެ ދެ މަހެއްހާ ދުވަސް ކުރިން ދެމީހުން ދިޔަ ޕާޓީއެއް ނިންމުމަށް ފަހު ކާރުގައި ތިބި ފޮޓޯއެއް އާންމުވި އިރު ފެންނަނީ ޕަލަކް މޫނު މަތީ އަތް އަޅައިގެން ފިލަން މަސައްކަތް ކުރާތަނެވެ. އެކަމާއި ގުޅޭގޮތުން ޕަލަކު ބުނީ މަސައްކަތް ކުރީ އިބްރާހިމްގެ ކާރުގައި އޭނާ އިންކަން ސިއްރު ކުރަން ނޫން ކަމަށެވެ.
އެރޭ ޕާޓީގައި އުޅެނިކޮށް މަންމަ ގުޅުމުން 11 ގެ ކުރިން ގެއަށް ދާނެ ކަމަށް ބުނި ނަމަވެސް އެހާ ލަހުން ގެއަށް ދަނިކޮށް ޕަޕަރާޒީންނަށް ފެނުމުން މޫނު ފޮރުވީ ކަމަށް ބުނެ ވާހަކަ އޮޅުވާލާފައިވެ އެވެ.
އޭގެ ފަހުންވެސް ދެމީހުން ގިނަ ޕާޓީތަކަކަށް ގޮސްފައިވެ އެވެ. މިފަހުން އެ ދެމީހުންގެ ވާހަކަ ދެއްކުން އިތުރުވީ ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީވެސް ބައިވެރިވި ޕާޓީއެއްގައި ނަގާފައިވާ ފޮޓޯތަކަކުންނެވެ.
އިބްރާހީމާއި ޕަލަކް ހުރިހާ ފޮޓޯއެއްގައިވެސް ތިބީ ކައިރީގައި ވަރަށް ގައިގޯޅިކޮށެވެ. އެކަމަކު ދެމީހުން ބުނަމުން ދަނީ އެއީ ގާތް އެކުވެރިން ކަމަށެވެ. އިތުރު ގުޅުމެއް ނެތް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުންގެ މެދުގައި އޮތީ ގޮތް ނޭނގޭ ގުޅުމެކެވެ. އަދި އެއީ އާދައިގެ ގުޅުމެއް ނޫނެވެ.
މި ވާހަކަތަކަށް ހިޔާލު ފާޅު ކުރި މީހުން ބުނީ އިބްރާހިމްގެ މަޝްހޫރު ކަމުގެ ބޭނުން ހިފައިގެން ޕަލަކް މަސައްކަތް ކުރަނީ ބޮލީވުޑަށް ނުކުންނަށް ފަސޭހަ މަގެއް ކޮށަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް