ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި ސިތިއުނާފު ކުރަން ނިންމައިފި އެވެ.
އެ އޮފިސަރުންނާއި އިތުރު ދެ އޮފިސަރަކު ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމީ ޕޮލިސް ބޯޑުގެ ލަފާ އާއި އެއްގޮތަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އޭގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އަޙްމަދު މުޙައްމަދު އާއި އިތުރު ހަތަރު ފަރާތެއް ފުލުހުންގެ މައްޗަށް ދަޢުވާކުރި ދައުވާ އާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ނިންމުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށް ތަންފީޛުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ ކަމަށެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް