ހުނަރުވެރި 12 ޝަހުސިއްޔަތެއްގެ ވާހަކަ ދައްކުވައިދޭ ގޮތަށް އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ހިމަނައިގެން ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފިއެވެ.
ދިރާގުން ބުނީ ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތަފާތު ބާރަ މީހެއްގެ ވާހަކަ ކަމަށެވެ.
އެގޮތުން މިއިން ކޮންމެ ވާހަކައެއްވެސް ދައްކުވައިދީފައި ވާނީ ތަފާތު ކުލަގަދަ ކުރެހުންތަކަކާއި މިއުޒިކާ އެކު އޭ.އާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށް ކަމަށް ދިރާގުން ބުނެފައި ވެއެވެ.
ދިރާގުން ބުނީ މި ކަލަންޑަރު ބިނާކުރެވިފައިވާނީ ތިމާވެއްޓާއި ބަހާއި، އަތްތެރި މަސައްކަތާއި، މިއުޒިކް، މި ހަތަރު މައުޟޫއަށް ކަމަށެވެ.
އަދި މި ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ނޭނގި، ނަމަވެސް ކޮންމެވެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުން ކަމަށް ދިރާގުން ހާމަކުރެއެވެ.
ދިރާގު 2023 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހު ކުރުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޑައިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ "އަޅުގަނޑުމެންނަކީ ދިވެހި ރާއްޖޭގެ ގުޅުން. އެގޮތުން މި ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާން ކުރުވަނިވި ގޮތްތައް. އެހެންކަމުން ދިރާގު 2023ގެ ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން އުއްމީދު ކުރަނީ މިބާރަ މީހުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައްވެސް އީޖާދީ ކަންތައްތައް ހާސިލްކުރުމަށާއި އައު ގުޅުންތައް ގާއިމުކުރުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށް." ށެވެ.
ދިރާގުން ބުނީ 2023 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ މީހުންގެ ވާހަކަތައް ކޮންމެ މަހެއްގެ ޚާއްސަ ސަފްހާގައިވާ ސްނެޕްޗެޓް ކޯޑް ސްކޭން ކޮށްލައިގެން ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަށްވެސް ގުޅުވާލަދީ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް