ލިންކު ރޯޑުގެ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ މަގުގެ އެއް ލޭނު ކޮންމެ ދުވަހަކު ބަންދު ކުރަނީ

މާލެ-ހުޅުމާލެ ލިންކް ރޯޑުގެ އެއް ލޭނު ކޮންމެ ދުވަހަކު ވަކި ވަގުތު ތަކެއްގައި ބަންދު ކުރުމަށް ނިންމައިފިއެވެ. ލިންކު ރޯޑުގެ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ މަގުގެ އެއް ލޭނު ބަންދު ކުރުމަށް ނިންމީ، ވ...

22 Dec 2022 | 05:52

މާލެ-ހުޅުމާލެ ލިންކް ރޯޑުގެ އެއް ލޭނު ކޮންމެ ދުވަހަކު ވަކި ވަގުތު ތަކެއްގައި ބަންދު ކުރުމަށް ނިންމައިފިއެވެ.

ލިންކު ރޯޑުގެ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ މަގުގެ އެއް ލޭނު ބަންދު ކުރުމަށް ނިންމީ، ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ތައިލޭންޑުގެ އެންސިސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ  ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ބޭނުމުގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ، ލިންކު ރޯޑުގެ އެއް ލޭނު ބަންދު ކުރުމަށް ނިންމީ، ލިންކު ރޯޑުގެ ހުޅުމާލެއިން މާލެ އަށް ދަތުރު ކުރާ ފަޅީގެ މޫދާއި ވީ ފަޅީގައި ސޯލާ ހަކަތައިގެ ނިޒާމު ޤާއިމް ކުރުމުގެ ގޮތުން އެފަޅީގައި ސްޓްރަކްޗާ ހަރުކުރުމަށް ކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން 11:30 އަށް އަދި މެންދުރު 13:30 އިން ފެށިގެން ހަވީރު 16:30 އަށް އެ ލޭނު ބަންދު ކުރުމަށް ނިންމާފައި ވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ވަގުތުތައް ކަނޑައަޅާފައި ވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ކަމަށާއި، ހަރުކުރަންޖެހޭ ސްޓްރަކްޗާ ހަރުކޮށް ނިމޭނެ ކަމަށް ލަފާ ކުރެވެނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް