އެންސްޕާގެ ކުރީގެ ސީއީއޯ މުޖްތަބާގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް ޕީޖީއަށް ފޮނުވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުޞޫލުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގައި އެންސ...

22 Dec 2022 | 05:16

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުޞޫލުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގައި އެންސްޕާގެ ކުރީގެ ސީއީއޯ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނެފައިވަނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީ.އީ.އޯ މުޖްތަބާ ޖަލީލު ސޮއިކޮށް، އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލުއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން މި މައްސަލައިގެ ތަހުޤީގަށްހާމަވެފައިވާކަމަށެވެ.

މި މައްސަލައިގަ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމަށް އޭސީސީން ބުނެއެވެ.

މުޖްތަބާ ޖަލީލަކީ މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ސެކްރެޓަރި ޖެނެރަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް