އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާގެ މިހާރުގެ ކުލަބް ޕީއެސްޖީއާއި އެކު އެއްބަސްވުން އައުކުރުމަށް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައްބުނެފިއެވެ.
ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިއެއް ކަމަށްވާ ފެބްރިޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި މެސީ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައުކުރުމަށް އެއްބަސްވެފައެވެ. އެގޮތުން މެސީގެ އެއްބަސްވުން އައުކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ޕީއެސްޖީން ކުރަމުން އަންނަ ކަމަށާއި ދާދި އަވަހަށް އެއްބަސްވުމުގައި މެސީ ސޮއިކުރާނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް މެސީ ޕީއެސްޖީގައި މަޑުކުރަން އެއްބަސްވެެފައިވަނީ ކިތައް އަހަރުކަމެއް އަދި ނޭންގޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ހުރިހާ ކަމެއް އެނގި ސާފުވެގެން ދާނޭ ކަމަށް ރޮމާނޯ ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިންޓަ މިއާމީ އަދި ބާސެލޯނާއިން ވެސް ވަނީ މެސީ ގެންދިއުމަށް ހުށައެލުންތައް ހުށަ އަޅާފައެވެ. ނަމަވެސް ޕީއެސްޖީން އެ ހުށައެލުންތައް ބަލައިގެންފައި ނުވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ފެބްރިޒިއޯ ރޮމާނޯ އިތުރަށް ބުނެފައިވަނީ މެސީގެ މުސާރައާއި އެއްބަސްވުމާއި މެދު އަދި ގޮތެއް ނުނިމުނަސް ދާދި އަވަހަށް އެ ހުރިހާކަމެއް ވެސް ހަމަޖެހިގެން ދާނެކަމަށެވެ. އެގޮތުން ފްރާންސްގެ ރައީސް އަލް ޚެލައިފީ އާއި އެޑްވައިޒަރ ލުއިސް ކެމްޕޯސް މިހާރު އަންނަނީ މެސީގެ އެއްބަސްވުން އިތުރުކުރުމާއި މެސީގެ މުސާރައިގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންކަމަށެވެ.
މެސީ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެންމެ ފަހުން ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް ތަށި އާޖެންޓީނާއާއި އެކު އުފުލާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް