"ތިކި" އެޕްލިކޭޝަން އަކީ ކޮޕީކޮށްގެން އުފެއްދި އެޕްލިކޭޝަނެއް ކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
"ތިކި" އަކީ ލޭ އަޅާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ލ. ފޮނަދޫ, ފާހި އަހުމަދު އަނަސް އުފައްދައިފައިވާ ލޭ ހަދިޔާ ކުރާ އެޕްލިކޭޝަނެކެވެ. އަދި މިއެޕަކީ ރާއްޖޭގައި ލޭ ހަދިޔާ ކުރުމަށް ތައްޔާރުކޮށްފައިވާ "ހަދިޔާ.އެމްވީ"ގެ ކޮޕީއެއް ކަމަށް ދައުވާކޮށްފައިވަނީ އެ އެޕްގެ އޯނަރު ލ. ފޮނަދޫ, ޑޭލައިޓް ޔޫސުފް ހަލީލްއެވެ. އެގޮތުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށްހަޅާފައިވަނީ އޭނާގެ ހިޔާލު "ވަގަށް" ނަގައިގެން ވުޖޫދު ކުރި އެޕްލިކޭޝަނެއް ކަމަށެވެ.
ކޮޕީ ރައިޓް މައްސަލާގައި ކޯޓަށް ހުށަހެޅި ދައުވާ ފޯމްގައި ބުނެފައިވަނީ ލޭ ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަކުރުމަށްޓަކައި "ހަދިޔާ.އެމްވީ"ގެ ވެބްސައިޓްގެ އެޕް ހެދުމަށް އަނަސްއާ ހަވާލުކުރިކަމުގައެވެ. އެގޮތުން އަނަސް އެ މަސައްކަތުން ވަކިކުރުމުގެ ކުރިން އެކަމަށް ފަހި ކުރުމަށްޓަކައި ވެބްސައިޓްގެ މައުލޫމާތުތަކަށް އެކްސެސްވެވޭ ލޮގިންއަކާއި އެޕްގައި ހިމަނަން ބޭނުންވާ ފީޗާތަކުގެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާކަމަށްވެއެވެ.
ކޮވިޑްގެ ދުވަސްވަރު ހަދިޔާ އެމް.ވީ ގެ މަސައްކަތް ހުއްޓިފައި އޮއްވާ ލޭ ހަދިޔާކުރުމުގެ އެޕްލިކޭޝަން "ތިކި" އަނަސް ލޯންޗްކުރިއެވެ. އެ އެޕްގައި މިހާރު ވެސް 649 ޑޯނަރުން އެބަތިއްބެވެ. ދުވަހަށް މައުލޫމާތު ދެމުން އަނަސް ބުނެފައިވަނީ ދައުވާގައި މި ތުހުމަތު ކުރަނީ ހިޔާލު ވަގަށް ނެގުމާއި ހަދިޔާ.އެމްވީގެ ވެބްސައިޓުގައި ހުރި ޑޯނަރުންގެ މައުލޫމާތު ބޭނުންކުރި ކަމަށްކަމުގައާއި އަދި އެ ތުހުމަތުތަކަށް އިންކާރު ކުރާ ކަމުގައިވެސް އަނަސް ބުނެފައިވެއެވެ.
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި މިމައްސަލާގެ ހުކުމުގައި ވަނީ އެ މައްސަލާގައި ޝަރީއަތަށް ހެކިބަސް ދިން މީހުން ހެކިބަހަށް ރިއާޔަތް ކުރުމުން އެފަދަ އެޕްލިކޭޝަނެއް އުފެއްދުމަށް ދެ ފަރާތުން މަޝްވަރާ ކުރިކަން އެނގެން އޮތްކަމުގައެވެ.
އެގޮތުން މެޖިސްޓްރޭޓް އަލީ ޝަރީފް ނެރުއްވި އެ ހުކުމުގައި ވަނީ ކޮޕީރައިޓް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވިސްނުން ކޮޕީކޮށްފައިވާ ކަން ސާބިތުނުވާތީ، އަނަސްގެ އަތުން ހޯދަން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ކަނޑައެޅޭން ނެތް ކަމަށެވެ. އެގޮތުން އެޕްލިކޭޝަން ތައްޔާރުކުރުމަށް އަނަސްއަށް އެއްވެސް ވަސީލަތަކާއި ޑޭޓާބޭސްއެއް ހަވާލުކުރިކަން އެނގެން ނެތް ކަމަށާއި އެހެންވެ "ތިކި" އެޕްލިކޭޝަން އުފައްދާފައިވަނީ "ހަދިޔާ.އެމްވީ" ގެ ޑޭޓާބޭސް ބޭނުންކޮށްގެން ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
"ހަދިޔާ.އެމްވީ" އެޕްލިކޭޝަންގައި ޔޫސުފް ހަލީލް ހިމަނަން ބޭނުންވި ފީޗާސްތައް ވެސް "ތިކި" އެޕްލިކޭޝަންގައި ހިމެނޭ ކަމަށް ބުނެ އެ ކަން ސާބިތުކުރަން ޝަރީއަތަށް ހުށަހެޅި ލިޔުމުގައި ވެސް އެއީ އެޕްލިކޭޝަންގައި ހިމެނޭ ކޮންކޮން ސިފަތަކެއް ކަން އެނގެން ނެތުމުގެ ސަބަބުން ސާބިތުނުވާކަމަށް ވެސް ހުކުމުގައިވެ އެވެ.
ޔޫސުފް ހަލީލަކީ ގަވައިދުން ލޭ ހަދިޔާ ކުރަމުން ދިޔަ މީހެއް ނަމަވެސް ލޭގެ ކެންސަރަށްފަހު އެކަން މަނާވުމުގެ ސަބަބުން ލޭ ހޯދާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި "ހަދިޔާ.އެމްވީ" އުފެއްދި ފަރާތެވެ.އެގޮތުން ވެބްސައިޓްގައި ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތުތައް ހިމެނޭތީ ލޭ ހޯދާ ކޮންމެ މީހަކަށް ވެބްސައިޓް ބަލައިގެން ފަސޭހައިން ލޭ ހޯދުމުގެ އިންތިޒާމް ފަހިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް